މޮސްކޯ (މާޗް 22) : އެމެރިކާ އިން ސޫރިޔާ ސަރުކާރުގެ އެއްވެސް އަމާޒަކަށް ހަމަލާއެއް ދީފި ނަމަ އެކަމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ.

ރަޝިޔާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ވެލަރީ ގްރަސިމޯވް ވިދާޅުވީ ސޫރިޔާ ސިފައިންނަށް އަމާޒުކޮށް އެމެރިކާ އިން އެއްވެސް ޙަމަލާއެއްދީފި ނަމަ ރަޝިޔާއިން ރައްދު ޙަމަލާދޭނެކަން އެމެރިކާ ދަންނަންޖެހޭނެ ކަމުގަ އެވެ. ސޫރިޔާއިން އެމެރިކާއަށް ގޯނާ ނުކުރާހނިދަކު އެމެރިކާއިން ސޫރިޔާއަށް ހަމަލާދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށާއި 2017 ވަނަ އަހަރު އެމެރިކާ ސޫރިޔާ ސިފައިންގެ ވައިގެ ބޭހަކަށް ހަމަލާދިނުމުން އެކަމާ އަޅާނުލައި ރަޝިޔާ އޮތް ނަމަވެސް ދެން ރައްދު ހަމަލާނުދީ ރަޝިޔާ ނޯންނާނެ ކަމަށް ޖެނެރަލް ގްރަސިމޯވް ވިދާޅުވި އެވެ. އަދި މިފަދަ ހާލަތެއްގައި ރަޝިޔާއިން ހަމަލާދޭނެ ތަންތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަނަވަރުތަށް ހިމެނޭނެ ކަމަށް ވެސް ޖެނެރަލް ގްރަސިމޯވް އާ ހަވާލާދީ ރަޝިޔާގެ މީޑިޔާ ބުނެ އެވެ.

ޖެނެރަލް ގްރަސިމޯވް މިހެން ވިދާޅުވީ މެދުތެރޭ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ހަރަކާތްތައް ހުރީ ސޫރިޔާއަށް ހަމަލާދޭން ތައްޔާރުވާ ފަދަ ގޮތަކަށްކަން ރަޝިޔާ ސިފައިންގެ އިސް ބައެއް އޮފްސަރުން ހާމަކުރައްވާފައި ވަނިކޮށެވެ. އަދި އދ.ގައި ހުންނަވާ އެމެރިކާގެ މަންދޫބު ނިއްކީ ހޭލީ ވަނީ ސޫރިޔާ ސިފައިންނަށް އަމާޒުކޮށް ހަމަލާދޭން އެމެރިކާ އޮތީ ތައްޔާރަށްކަމަށް ވިދާޅުވެ، މިހަފްތާގެ ކުރީކޮޅު ސޫރިޔާއަށް އިންޒާރެއް ދެއްވާފަ އެވެ.

އެމެރިކާއާއި ރަޝިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ދެބާރުކަމަށްވާއިރު ދެގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގުމުގެ ފުރްސަތު ނުދިނުމުގެ އަންޑަސްޓޭންޑިންގް އެއް އެދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮވެ އެވެ. އެ އަންޑަސްޓޭންޑިންގް އަށް އެދެގައުމުގެ ތެރެއިން ކޮންމެގައުމަކުން ވެސް އިޙްތިރާމް ކުރަމުންވެސް ގެންދެ އެވެ. މިގޮތުން ކަމެއްގައި އެއްގައުުމުން އަނެއްގައުމަށް އިންޒާރު ދީފިނަމަ އެގައުމަކުން އެކަމެއް ނުކުރުން ހިމެނެ އެވެ. އެހެންކަމުން އެމެރިކާއާއި ރަޝިޔާއިން އެއްގައުމު އަނެއް ގައުމަށް އިންޒާރު ދިން ނަމަވެސް ސޫރިޔާގެ މައްސަލާގައި ވެސް އަދި އެހެން މައްސަލައަކާ ގުޅިގެންވެސް އެމެރިކާއާއި ރަޝިޔާއާ ދެމެދު އަސްކަރީ ކުރިމަތިލުމަކަށް ދިޔުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އެމެރިކާއިން ސޫރިޔާއަށް ކުރިން ޙަމަލާދިނީ ސޫރިޔާ އިން އެގައުމުގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް އެކަން އެމެރިކާއަށް ސާބިތުކޮށް ދެވިފައެއް ނުވެ އެވެ. ސޫރިޔާގެ އެކި ސަރަހައްދުތަކަށް ދޭތެރެއަކުން ކެމިކަލް ހަމަލާދޭ މައްސަލަ ފެންމަތިވެ އެވެ. އެހަމަލާތަކުގެ ޒިންމާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަޅުވަނީ ސޫރިޔާ ސަރުކާރުގެ ބޮލުގަ އެވެ.

ސޫރިޔާ ސިފައިން އެކަމަށް އިންކާރުކުރާއިރު ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަށް ފައިހަރުކޮށްލައިގެން އުޅުނު އެތައް ސަރަހައްދަކުން ކެމިކަލް ހަތިޔާރު ފެނިފައިވެ އެވެ. މިކަން ރަޝިޔާއިން ކަށަވަރުކޮށްދީފައި ވެސްވެ އެވެ. ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަށް ވެރިވެގަނެގެން އުޅުނު ސަރަހައްދުތަކުގެ ތެރެއިން ސޫރިޔާ ސިފައިން މިނިވަންކުރި ސަރަހައްދުތަކުން އެތަށް ޓަނެއްގެ ކެމިކަލް ހަތިޔާރު ފެނުނު ކަމަށް ރަޝިޔާގެ މަސްއޫލުވެރިން ދާދިފަހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސޫރިޔާ ސަރުކާރުން ވަނީ އައިއެސް އާއި ޖަބްހަތުއްނުސްރާ (މިހާރުގެ ހައިއަތު ތަހްރީރް އައްޝާމް) ޖަމާއަތުގެ އަތުގައި ކެމިކަލް ހަތިޔާރު އުފައްދާ ޕްލާންޓްތައް ހުރިކަމަށް 2015 ވަނަ އަހަރު ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެމެރިކާއާއި އދ. ން މިކަމަށް އަޅާލާފައެއް ނުވެއެވެ. (ރަޝިޔާ ޓުޑޭ)