އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ފުޅާކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސުކީމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްއެމްއީ ކޮންސަލްޓެންޓް އަހުމަދު މުމްތާޒް ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިކޮނަމިކް މިނިސްޓްރީން އަދި މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުން އެސްއެމްއީ ލޯނަށް އެދި ހުށައަޅަން ޖެހޭ ފޯމް ދޫކުރަން ހުންނާނެ ކަމަށެވެ. އަދި ބިޒްނަސް ޕްލޭންއާ އެކު ފޯމް ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ އަންނަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް މުމްތާޒް ވިދާޅުވި އެވެ.

މުމްތާޒް ވިދާޅުވީ، ޖުމްލަ 50 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ ފަސް ލައްކަ ރުފިޔާ، ފާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށް މުމްތާޒް ވިދާޅުވި އެވެ.

ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޓަކައި ސަރުކާރުން ދޫކުރަމުން އަންނަ އެސްއެމްއީ ލޯންގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލް ވަމުން އަންނަ ކަމަށް މުމްތާޒް ވިދާޅުވި އެވެ. އަދި އެ ލޯން ސުކީމްގެ ދަށުން މިހާރު ވެސް ކާމިޔާބު އެތަކެއް ވިޔަފާރިތަކާކާއި ވިޔަފާރިވެރިން އުފެދިފައިވާ ކަމަށް ވެސް މުމްތާޒް ވިދާޅުވި އެވެ.

އެސްއެމްއީ ލޯން ސުކީމް 2017 އަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ލޯން ލިބޭ ފަރާތްތައް ޝޯޓްލިސްޓްކޮށްފައިވާ ކަމަށް އެެ މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް އަދި މިހާތަނަކަށް އެއްވެސް މީހަކަށް ލޯން ދުލެއް ނުކުރެ އެވެ. އެ މިނިސްޓްރީ އިން ބުނީ 2017ގެ ލޯނަށް ޝޯޓް ލިސްޓްވި މީހުންގެ ލިސްޓް މިއަދު އާންމު ކުރާނެ ކަމަށެވެ.