22 Mar 2018, 15:04
މި އަހަރުގެ ޖޫން މަހު ޗައިނާގެ ޔުނާން ޕްރޮވިންސުގެ ކުންމިން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަ ވަނަ ޗައިނާ - ސައުތު އޭޝިޔާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރު އުސްމާން ޝާކިރު ވިދާޅުވީ ކުންމިން ފެއާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރިކޮށް، އެތަކެއްޗަށް މާކެޓު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުންމިން ފެއާގައި ރާއްޖެއަށް ލިބޭ ސްޓޯލްތައް ހިލޭ ބައިވެރިންނަށް ދޫކުރަން ވަނީ ހަމަޖެހިފައި، ނަމަވެސް ދަތުރުގެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ ބައިވެރިން އަމިއްލައަށް. ރަނގަޅު އަދަދަކަށް މީހުން ބައިވެރިވާނަމަ ވިސާ ނެގުމާއި، ހޮޓާ ހަމަޖެއްސުމާއި އަދި އެނޫންވެސް ކަންކަމަށް މިނިސްޓްރީގެ ފަރާތުން ޑިސްކައުންޓް ހޯދަދެވޭތޯ މަސައްކަތް ކުރާނަށް،" އުސްމާން ޝާކިރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ކުންމިންގް ފެއާގައި ރާއްޖޭގެ ފަރާތުން ސަރުކާރުގެ އޮފިޝަލުންނާއި އިންޑަސްޓްރީ ޕާޓްނަރުންނާއި ޕަފޯމަރުންނާޢި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން ޝެފުންނާއި ކުރެހުންތެރިން ފަދަ ފަންނާނުން ބައިވެރިވި އެވެ.
ޖޫން މަހުގެ 14 އިން 20 އަށް ބާއްވާ އެ ފެއާގެ މައިގަނޑު ބޭނުމަކީ ދިވެހި އުފެއްދުންތައް މެކަނައިޒްކުރެވޭނެ ވަސީލަތްތައް ހޯދުމާއި ޗައިނާގެ ވިޔަފާރިވެރިންނާ އެކު، ވިޔަފާރީގެ ގުޅުންބަދެހިކޮށް ދިވެހި އުފެއްދުންތަކަށް މިހާރަށް ވުރެބޮޑު ތަރުޙީބެއް ބޭރު މާކޭޓްތަކުން ފަހިކޮށް ދިނުމެވެ.
އެ ފެއާގައި ބައިވެރިވުމަށް އެދި ހުށައަޅަންޖެހޭ ފޯމް އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.