22 Mar 2018, 13:47
ގދ. ރަތަފަންދޫ އިންޖީނުގޭގެ ތިޖޫރީގެ ތަޅުދަނޑި ބޭނުން ކޮށްގެން، އޭގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ރަތަފަންދޫ ކައުންސިލުގެ ނައިބް ރައީސް ހަސަން މޫސާ މިއަދު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން ހިންގާ އެރަށު އިންޖީނުގޭގައި ހުރި ތިޖޫރިން ވައްކަން ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. ނަމަވެސް އެކަން އެނގުނީ އިއްޔެ ކަމަށާއި ފައިސާ ވަގަށް ނަގާފައިވަނީ ކޮން ދުވަހަކު ކަމެއް ނޭނގޭ ކަމަށެވެ.
ކައުންސިލަރު ވިދާޅުވި ގޮތުގައި، އެ ހާދިސާގައި ތިޖޫރީގައި ހުރި 59،000 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
"އިންޖީނުގޭގައި ހުރި ތިޖޫރިން ވައްކަން ކޮށްފައިވަނީ އެތަނުގެ ޑިއުޓީއަށް ވެސް މީހުން ތިއްބައި. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިޖޫރިން ފައިސާތަކެއް ނެގީ އެ ތިޖޫރީގެ ތަޅުދަނޑި ބޭނުން ކޮށްގެން. ތަޅުދަނޑި އޮންނަނީ އިންޖީނުގޭގެ މުވައްޒަފެއްގެ އަތުގައި،" ރަތަފަންދޫ ކައުންސިލުގެ ނައިބް ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވިދާޅުވީ، އެފަދަ މައްސަލައެއް މިއަދު ހެނދުނު 9:15 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.