22 Mar 2018, 14:58
މާލެ އާއި ހުޅުލެ އާ ދެމެދު އަޅާ ބްރިޖުގެ މައިތަނބުތަކާ ގުޅާލާ ސްޓީލް ބޮކްސް ގާޑާތައް ހަރުކުރަން ފަށައިފިއެވެ.
މަސައްކަތް ކުރިއަށްދާ މިންވަރު ހާމަކުރައްވާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ޓްވީޓެއް ކުރައްވައިފައެވެ.
އެ މަސައްކަތް އިއްޔެ ފަށާފައިވާއިރު ސްޓީލް ބޮކްސް ތައް ތައްޔާރުކޮށްގެން ގެނައި ޗައިނާ އިންނެވެ. އެ މަސައްކަތް ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެ މަސައްކަތް ނިމުމުން ބްރިޖުގައި ތާރުއެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ ކަމަށެވެ.
ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެ އެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
CMFB: Hoisting of steel box girder sections to complete superstructure closures between main piers begins today.pic.twitter.com/K6nlVCFYFU
— Dr.Mohamed Muizzu (@MMuizzu)March 21, 2018