އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަސާސީ ގަވައިދާ ތަޢާރަޒްވާ ކަމަށް ބުނެ ވަކި ހިސާބަކުން ހުއްޓާލައިފި އެވެ.

ރޭގެ ޖަލްސާ ހުއްޓާލި ސަބަބެއް ކަމަށް އެމްޑީޕީން ބުނީ ޖަލްސާގެ އެޖެންޑާގައި ހުރި ކަންތައްތަކަކީ އެ ޕާޓީގެ އަސާސީ ގަވައިދާ ފުށުއަރާ އައިޓަމްތަކެއް ކަމަށް ބުނެ މެންބަރުން ނިޒާމީ ނުކުތާ ނަންގަން ފެށުމުން ކަމަށެވެ.

އެމްޑީޕީގެ ޗެއަޕާސަން (ރީކޯ) މޫސާ މަނިކު ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެމްޑީޕީގެ ގޮފި ހިންގާ ގަވާއިދު ފާސްކުރުމާއި، ދާއިރާ ހިންގުމުގެ ގަވާއިދު ފާސްކުރުމާއި އަންހެނުންގެ ރޫޙްގެ ހިންގާ ގަވާއިދު ފާސްކުރުމެވެ. އަދި ކައުންސިލަރުން ޤައުމީ މަޖިލީހުގައި ހިމެނުމާ ބެހޭ ގޮތުން ހުށަހެޅުމަށް އެޖެންޑާކުރެވިފައިވާ ހުށަހެޅުމަކާއި ޕްރޮވިންސް ސެކްރެޓޭރިއެޓް ގަވާއިދު ފާސްކުރުމުގެ އިތުރުން ދާއިމީ ކޮމެޓީތަކަށް މެންބަރުން ހޮވުމާއި ޒުވާނުންގެ ޗާޓާ ފާސްކުރުން ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް އުފެއްދުންތެރި މަސައްކަތެއް ނުކުރެވި ރޭގެ ޖަލްސާ ހުއްޓާލުމުން އެއިން އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ރޭ 9.30ގައި ދަރުބާރުގޭ ފާށަނާ މާލަމުގައި ފެށި ޖަލްސާ 11:00 އެހާކަންހާ އިރު ނިންމާލީ ދެން އޮންނަ ގައުމީ މަޖިލީހުގެ ޖަލްސާ އަކަށް އެޖެންޑާކޮށްފައިވާ ކަންތައްތައް އަސާސީ ގަވައިދާ އެއްގޮތަށް އަލުން އެކުލަވާލުމަށް ރިޔާސަތުން އިއުލާން ކުރުމުންނެވެ.