22 Mar 2018, 13:23
ސީރިއާގެ ހަނގުރާމަވެރިން އުޅުނު ސަރަހައްދުގައި ހުރި ކެމިކަލް ހަތިޔާރު އުފައްދަން ގެންގުޅުނު ޕްލާންޓްތަކުން 40 ޓަނުގެ ކެމިކަލް ހަތިޔާރު ފެނުނު ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ އީގޯ ކިރިލޯވް ވިދާޅުވީ ފެނުނު ކެމިކަލް ހަތިޔާރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ވިހަ ކެމިކަލް މާއްދާތައް ވެސް ހިމެނޭ ކަަމަށެވެ.
އީގޯވަނީ އެ މައްސަލާގައި އެކަން ތަހުގީގުކުރުމަށް ސީރިއާގެ ސަރުކާރަށް ބައިނަލްއަގުވާމީ ދުނިޔެއިން އެއްބާރުލުންނުދޭތީވެ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ސީރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރިން އެ ގައުމުގެ ގޫތާގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ ކުރިން އެކަމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ރަޝިއާ އިން މީގެ ކުރިން ވަނީ ދީފަ އެވެ.
"އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުގެ ދަށުން، ހަނގުރާމަވެރި ގްރޫޕްތަކުގެ ލީޑަރުން ދަނީ ސީރިއާގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުމަށް ތައްޔާރުވަމުން. އެއީ ސީރިއާގެ ސަރުކާރުގެ ބޮލުގައި އެކަން އެޅުވުމުގެ ގޮތުން." ރަޝިއަން ރިކޮންސިލިއޭޝަން ސެންޓާ ފޯ ސީރިއާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކެމިކަލް ހަތިޔާރުގެ މައްސަލާގައި ސީރިއާއަށް ހަމާލާދޭނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނެެވެ. ނަމަވެސް ސީރިއާގެ ސިފައިންނަށް ހަމަލާދީފި ނަމަ ރަޝިއާ އިން އެމެރިކާއަށް ރައްދުދޭނެކަމަށް އޭރު ބުންޏެވެ.