އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑްގެ ފްރާންސް ޑިފެންޑަރު، ރަފޭލް ވަރާންއަށް ފާރަލަމުންދާ ކަމަށް އިނގިރޭސި މީޑިއާއިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ "މިރޯ"އިން ބުނެފައިވަނީ ޔުނައިޓެޑްގެ ޑިފެންސް ވަރުގަދަ ކުރުމަށް ކޯޗު، ހޯޒޭ މޮރީނިއޯ ބޭނުންވާ ކަމަށާއި، އޭނާގެ އެންމެ ބޮޑު ޓާގެޓަކީ ވަރާން ކަމަށެވެ.

ލީގު ތާވަލުގެ ދެވަނައިގައި މިވަގުތު އޮތް ޔުނައިޓެޑްވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ސެވިއްޔާ އަތްދަށުވެ ކަޓައިފައެވެ. އެ މެޗަށްފަހު މޮރީނިއޯ ފެނުނީ ވަރަށް ބޮޑަށް މާޔޫސްކޮށެވެ. ޕޯސްޓް މެޗު ޕްރެސްގައި ރުޅި ގަދަކޮށް މޮރީނިއޯ ފެނިފައިވާއިރު، އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަށް ޔުނައިޓެޑް ސްކޮޑުގައި ފެންވަރު ނެތް ކަމަށެވެ.

ދެހާސް އެގާރަ ވަނަ އަހަރު ވަރާން ރެއާލްއާ ގުޅުނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުގައި ހުރި ސާ އެލެކްސް ފާގަސަންވެސް އޭނާއަށް ލޯ އަޅަމުން ދަނިކޮށެވެ. ވަރާންވަނީ މޮރީނިއޯ ރެއާލްގެ ކޯޗުކަމުގައި ހޭދަކުރި ދުވަސްވަރު މޮޅު ކުޅުމެއް ދައްކާފައެވެ.

މޮރީނިއޯ ރެއާލްގައި ހޭދަކުރި ތިން އަހަރުގެ މުއްދަތަށްފަހު އެނބުރި ޗެލްސީއަށް އައިސްވެސް އޭނާވަނީ ވަރާން ޗެލްސީއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ރެއާލް މެޑްރިޑާއެކު 2022 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް އާކޮށްފައިވާއިރު، ރެއާލްއިން ވަރާންގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 50 މިލިއަން ޕައުންޑުގެ އަގެކެވެ. އެހެން ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ވަރާންއަށް ދޭނެ އަގަކީ 40 މިލިއަން ޕައުންޑެވެ.

ވަރާންގެ އިތުރުން އެހެން ބައެއް ޑިފެންޑަރުންނަށްވެސް މޮރީނިއޯ އަންނަނީ ލޯ އަޅަމުންނެވެ. އޭގެ ތެރޭގައި ބާސެލޯނާގެ ފްރާންސް ޑިފެންޑަރު، ސަމިއުލް އުމިޓީޓީއައި ޓޮޓެންހަމްގެ ޑިފެންޑަރު ޓޮބީ އަލްޑަވެރާލްވެސް މޮރީނިއޯ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ވަރާން 2011 ވަނަ އަހަރު ރެއާލް އަށް ބަދަލުވީ ފްރާންސްގެ ލެންސުންނެވެ. އޭނަވަނީ ރެއާލްއަށް 135 މެޗު ކުޅެދީފައެވެ.