22 Mar 2018, 13:02
މާލޭގެ ފިހާރަތަކަށާއި އެހެން ސަރަހައްދުތަކަށް އުފުލާ މުދާ އެއްތަނުން އަނެއްތަނަށް އުފުލާނެ ގަޑިތައް ކަނޑައަޅައި އިއުލާނުކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލޭގެ މަގުތައް ތޮއްޖެހި، ހިނގާބިނގާވެ އުޅުމަށް ދަތިވާތީ، މުދާ އުފުލުމުގެ ގަވާއިދުގެ 7 ވަނަ މާއްދާގެ (ދ)ގައި ވާގޮތުގެ މަތިން، ފިހާރަތަކާއި ޢާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމަށް އަންނަ ބުދަ ދުވަހުން ފެށިގެން އަމަލު ކުރާނީ އެ އިއުލާނުގައިވާ ގޮތަށް ކަމަށެވެ.
އެގޮތުން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ރޭގަނޑު ދިހަޔަކުން ހެނދުނު ހަޔަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.
ކައްކާ ގޭސް އުފުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު އަށަކުން ހެނދުނު ހަޔަކަށް ކަމަށް އެ އިއުލާނުގައިވެ އެވެ.