22 Mar 2018, 13:09
ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރެހެންދި ފްލެޓް އިމާރާތުން ދެ ފްލެޓް ބައްލަވައިގަތް މައްސަލަ އޭސީސީ އިން ތަހުގީގު ކުރަން ފަށައިފި އެވެ.
އޭސީސީން ބުނީ އެ މައްސަލަ އާންމު ފަރާތަކުން ހުށަހަޅާފައިވާތީ އެމައްސަލަ ބަލަމުންދާ ކަމަށެވެ.
ދެ ފްލެޓް ބައްލަވައިގަތް ކަމަށް އަދުރޭ ވަނީ މީޑިއާގައި އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެކަން ސިއްރުކުރައްވަން ނޫޅުއްވާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޓީވީއެމްގެ ފުރަގަހުން އަމީނީމަގުގައި ހުންނަ އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރި "ރެހެންދި-6" ފްލެޓުބަރިން އަދުރޭ އާއި އޭނާގެ އަނބިކަނބަލުން ވަނީ ދެ ފްލެޓު ބައްލަވައިގެންފަ އެވެ.
އަދުރޭގެ ދެ ކަނބަލުން ބައްލަވައިގަތީ އެންމެ ފެންވަރު ރަނގަޅު ފްލެޓެވެ. އެއިން ފްލެޓެއްގެ އަގަކީ 4.5 މިލިއަން ރުފިޔާ އެވެ.
ދެ ފްލެޓް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ދެ ސިޓީ މީސް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ދެ ފްލެޓަށް ފައިސާ ދައްކައި ޚަލާސްކޮށްފައިވާކަން އެ ސިޓީން އެނގެ އެވެ.