މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މެލޭރިޔާ ފަދަ ރާއްޖެއިން ނައްތާލެވިފައިވާ ބަލިތައް އަލުން އިއާދަވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޮރިޝަސްގެ ވެރިރަށް، ސެއިންޓްލުއީގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތާއިބެހޭ ބައިނަލްއަޤްވާމީ ތިންވަނަ މަހާސިންތާގައި ތަގްރީރު ކުރައްވަމުންނެވެ.

ރާއްޖެއަކީ މެލޭރިޔާ ނައްތާލެވިފައިވާ ޤައުމެއްކަމުގައި 2015 ވަނަ އަހަރު ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅައިފައެވެ.

އެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީމޫސުމަށްއަންނަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުތައްކޮށް ގެއްލުންތައް ވަމުންދާކަމަށެވެ.

މޫސުމަށްއަންނަ ބަދަލުތަކާއި ގުޅިގެން އަންނަ ބަދަލުތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުންް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުތަކާއި، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ޤާއިމްކޮށް ވަސީލަތްތައް އިތުރުކޮށް ޚިދުމަތްތައް ރަނގަޅުކުރަމުން އަންނަކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކަންކަން ކުރުމަށް ބޭނުންވާ ކަމަށާއި، އެކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށެވެ.

ދުނިޔޭގެ ސިއްޙަތާއިބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އިންތިޒާމްކޮށްގެން ބާއްޗާ މި މަހާސިންތާގައި، ދުނިޔޭގެ ތަފާތު ޤައުމުތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން ބައިވެެރިވެއެވެ.

މި މަހާސިންތާ ގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ އެންވަޔަރަމެންޓު މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސް އޮފިޝަލުން ނެވެ.