އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ޒޯން ފަހެއްގައި އިއްޔެ ކުޅުނު މެޗުގައި ދ. އަތޮޅުގެ ޗެމްޕިއަނުން މީދޫން ބޮޑު މޮޅެއް ހޯދައިފިއެވެ.

މީދޫން ވ. އަތޮޅުގެ ޗެމްޕިއަނުން ފުލިދޫ ބަލިކުރީ 5-1ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗަކީ މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ފުލިދޫ ކުޅުނު ފުރަތަމަ މެޗެވެ. ވ. އަތޮޅުގެ ޗެމްޕިއަންކަން ފުލިދުއަށް މެޗެއް ނުކުޅެ ލިބުނީ އެޓީމު އެކަނި ވ. އަތޮޅުން މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުންނެވެ.

އިއްޔެގެ މެޗުގައި މީދޫގެ ތިން ގޯލް، އިބްރާހީމް އާލިމް ކާމިޔާބުކޮށްދިން އިރު، މީދޫގެ އަނެއް ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު މޫސާއާއި އިނާސް އަހުމަދެވެ.

ފުލިދޫން ޖެހި ހަމައެކަނި ގޯލް، ލިބުނު ޕެނެލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޒަމީރެވެ. އިއްޔެގެ މެޗުގެ 83 ވަނަ މިނެޓުގައި ފުލިދޫގެ މުހައްމަދު ޒަމީރަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.

ޒޯން ފަހެއްގައި ކުޅެނީ ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދުއާއި ވ. އަތޮޅުގެ ޗެމްޕިއަނުން ފުލިދޫގެ އިތުރުން މ. އަތޮޅުގެ ޗެމްޕިއަނުން މުލި އަދި ދ. އަތޮޅުގެ ޗެމްޕިއަން މީދުއެވެ.

ޒޯން ފަހެއްގެ މުބާރާތް ފ. ނިލަންދޫގައި ކުރިއަށްދާނީ ލީގު ބުރެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ނަގައި ދެ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ.

ޒޯން ފަހެއްގެ ބުރުގައި ދެން އޮންނަ މެޗުގައި ވާދަކުރާނީ ފ. އަތޮޅުގެ ޗެމްޕިއަނުން ނިލަންދޫއާއި ވ. އަތޮޅުގެ ޗެމްޕިއަނުން ފުލިދުއެވެ.