މިއިން ޒަމާނަކު ވެސް ފިހާރަތަކުގެ ވިކުރާ ރަނގަޅު ނުވާހާ ވަރަށް މި ރޯދަ މަހުގައި ފިހާރަތަކުގެ އާމްދަނީ އިތުރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރޭޑިއޯ ހިތާބުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިޤްތިޞާދީ ކަންކަން ވެސް ރަނގަޅުވަމުން އައުމުން ބާޒާރުގެ އަގުތައް މި ރޯދަ މަހު ހުރީ އިންތިހާއަށް އެރިޔަ ނުދީ ހިފެހެއްޓިފައި ކަމަށެވެ. އަދި އެކަން އެނގިގެންދިޔައީ އެމަނިކުފާނު ބައެއް ފިހާރަތަކަށް ޒިޔާރަތްކޮށް ސޭޓުންނާ ވާހަކަ ދައްކާލުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ އެހެންމެ، އަޅުގަނޑު ރޯދަ މަހު ބައެއް ފިހާރަތައް ބަލައިލިއިރުގައި، ބައެއް ފިހާރަތަކަށް އަޅުގަނޑަށް ގޮސްލެވުނު. ސޭޓުންނާ ވެސް އަޅުގަނޑަށް ވާހަކަ ދައްކައި ހަދާލެވުނު. ގިނަ ފިހާރަތަކުގެ ވިކުރާ ވަރަށް ބޮޑަށް މިރޯދަ މަހު ރަނގަޅު. ބައެއް ސޭޓުން ދެކޭގޮތުގައި، މިއިން ޒަމާނަކު ވެސް ވިކުރާ ރަނގަޅު ނުވާހާ ރަނގަޅަށް، މިރޯދަ މަހުގައި ކަންތައްތައް ހިނގައްޖެ. މިކަން މިހެން މިހިނގާ މިދަނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންކަން ވެސް ރަނގަޅުވަމުން އަންނާތީވެ. އަދި އާމްދަނީ ވެސް އިތުރުވަމުން އަންނާތީވެ،" ރައީސް ދެއްވި 112 ރޭޑިއޯ ހިތާބުގައި މިއަދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި ހުރި ނަމަވެސް މި ރޯދަ މަހުގައި ބާޒާރުގައި އަގުތައް ހުރީ ހިފެހެއްޓިފައި ކަމަށެވެ. އަދި ވިދާޅުވީ މަސްވެރިންނަށް އާމްދަނީ ލިބޭ މިންވަރު މިހާރު އިތުރުވެފައިވާ ކަމަށެވެ.
"މީގެކުރީގައި ބޮޑުވެގެން ފަސް ރުފިޔާ ފަންސާސްލާރި ލިބޭ މަސް ކިލޯއަށް މިހާރު އެވްރެޖްކޮށް ބައެއް ފަހަރަށް ތިރީސްރުފިޔާ، ޢާންމުކޮށް ލިބެމުން އެބަދޭ. މަހުގެ އަގު އަބަދުވެސް މިހާރު މި ހުންނަނީ ވަރަށް ރަނގަޅަށް. މަސްވެރިން ބުނަނީ، އެމީހުންނަށް ބާރަ، ސާދަ ހާސް ރުފިޔާ މަހެއްގެ މައްޗަށް ލިބެމުން އަންނަ ކަމަށް. އެއީ، އަދި މަސް ނުބާނާ މޫސުމުގައި ވެސް. އަޅުގަނޑުމެންގެ ބޭނުމަކީ، މަސްވެރިންގެ އާމްދަނީ އިތުރުކުރުން. އަދި އަޅުގަނޑުމެންނަށް މިހާރު ކަން ހިންގެމުން މިގެންދާ އުޞޫލުން ކަން ހިންގަމުން ގެންދެވުނީމާ، މިކަން ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓޭނެކަން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މިރޯދަ މަހު ކުށްކުރުން މަދުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝިދު ވިދާޅުވީ މަގުތައް އަމާންވެ، މީހުން ކުށަށް އަރައިގަންނަ މިންވަރު މަދުވެފައިވާ ކަމަށެވެ. އަދި ނުރައްކާތެރި ޖަރީމާތައް ނުވަތަ ފުރާނައަށް ގެއްލުންވާ ފަދަ ޖަރީމާތައް ހިންގުން، މިހިނގާ ރޯދަ މަހުގެ ތެރޭގައި ވެސް އަދި މިދިޔަ މަހުގެ ތެރޭގައި ވެސް ކުރިއަށް ވުރެ ވަރަށް ބޮޑުތަން މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށްޓަކައި ފުލުހުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައީސް ނަޝީދު ޝަކުރު އަދާކުރެއްވެވި އެވެ.

"އެބޭފުޅުން ކުރައްވަމުން އެގެންދަވަނީ ވަރަށް އިޚްލާޞްތެރި، ވަރަށް ރަނގަޅު މަސައްކަތެއް. އެއީ، ދައުލަތާއި ޤައުމަށްޓަކައި އެބޭފުޅުން ކުރައްވާ ހެޔޮ މަސައްކަތެއް. އަޅުގަނޑުމެން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާނީ، ސަރުކާރާއި ރައްޔިތުންނާއި އަދި މުޅި ދިވެހިރާއްޖޭގެ ފައިދާއަށްކަން އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން،" ފުލުހުންނަށް ޝުކުރު ދައްނަވަމުން ރައީސް ވިދާޅުވި އެވެ.