ކްލަބު މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުގައި އެމްޓީސީސީން ފަހުވަގުތު ގޯލްޖަހައި އެސްޓީއޯ ރެކްރިއޭޝަން ކްލަބު ބަލިކުރިއިރު، މޯލްޑިވިއަންއާއި އެމްޕީއެލްއިން ފެށުން ރަނގަޅުކޮށްފިއެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅެފައިވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗެކެވެ.

ރޭގެ ކުޅުނު ފުރަތަަމަ މެޗުގައި ގްރޫޕް އޭގެ އެމްޕީއެލްއާއި ސިވިލް ކޯޓު ވާދަކުރި މެޗު، 6-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްޕީއެލްއެވެ. މެޗުގައި އެމްޕީއެލްގެ މުހައްމަދު އަޔާޒް (އަޔާ)ވަނީ ހެޓްރިކް ހަދައިފައެވެ. އެމްޕީއެލްގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު (ރޮނާ)އާއި އަރުގަމް އިބްރާހީމެވެ. މެޗުގައި ސިވިލް ކޯޓުގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަދުނާނެވެ.

ރޭ ކުޅުނު ގްރޫޕް އެފްގައި ވާދަކުރީ މޯލްޑިވިއަންއާއި ސްޓެލްކޯ ރެކްރިއޭޝަން ކްލަބެވެ.

ރޭ ކުޅުނު ކްލަބު މޯލްޑިވްސް ކަޕްގައި އެސްޓީއޯއާއި އެމްޓީސީސީ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗު މޯލްޑިވިއަންއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނެގީ ސްޓެލްކޯއިންނެވެ. އެ ގޯލް ސްޓެލްކޯއަށް ކާމިޔާބުކޮށްދިނީ އަލީ މާއިސް (މައްޓު) އެވެ. މައްޓުގެ ގޯލަށް ދެ މިނެޓު ނުވަނީސް އަހުމަދު އަބްދުލް އަޒީޒު (އާރޮން)ގެ ގޯލުން މޯލްޑިވިއަންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މޯލްޑިވިއަންއިން އަނެއް ދެ ގޯލް ޖެހީ މެޗުގެ ފަހު ހާފްގައެވެ. އެ ދެ ގޯލް ޖަހައިދިނީ އަބްދުﷲ ޝައްފާން (ޝަކާ)އާއި ހުސައިން އަފްސަލް (އޮޒިލް) އެވެ.

ރޭ ޓީމު މެޑާއި ހޯމް އެފެއާޒް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރޭ ކުޅުނު ގްރޫޕް އެޗްގެ މެޗުގައި ޓީމް މެޑުން ހޯމް އެފެއާޒް ބަލިކުރީ 6-2ގެ ނަތީޖާއަކުންނެވެ. ހޯމް އެފެއާޒްގެ ދެ ގޯލް ސައްޔާހު އައްބާސް (ސައްޔަ) ކާމިބުކޮށްދިންއިރު، ޓީމު މެޑުގެ އިލްވާން މުހައްމަދާއި އައިމަން ތައުފީގުވަނީ ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިދީފައެވެ. ޓީމް މެޑުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްފައިވަނި ޖުމައިލް ޖަމީލާއި ހިސާން މުހައްމަދެވެ.

ރޭ ކުޅުނު ގްރޫޕް ޖީގެ މެޗުގައި އެސްޓީއޯއާއި އެމްޓީސީސީ ވާދަކުރި މެޗު އެމްޓީސީސީން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. ވަރުގަދަ އެސްޓީއޯ ކޮޅަށް އެމްޓީސީސީން ޖެހި ހަމައެކަނި ގޯލް މެޗުގެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ތަޝްމީން (ތައްތި) އެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިއަދު އޮންނަ މެޗުތައް:

20:15 އެލައިޑް - ޕްރިޒަން ރެކްރިއޭޝަން

20:15 ކްލަބު އިމިގްރޭޝަންސް - ވެމްކޯ