22 Mar 2018, 12:31
ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް 2018ގެ އިވެންޓް މެނޭޖުމަންޓް ޕާޓްނަރަކަށް ވަން ޝޮޓް އިވެންޓްސް ހަމަޖައްސައިފިއެވެ.
އިވެންޓް ޕާޓްނަރަކަށް ވަން ޝޮޓް އިވެންޓްސް ހަމަޖެއްސުމަށްޓަކައި އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ވަން ޝޮޓް އިވެންޓްސްގެ ފިނޭންސް މެނޭޖަރު ފާރިހް މުހައްމަދު ވަހީދާއި ވިލީ މުއައްސަސާ ކަޕުގެ ކޮމިޓީ މެމްބަރު އަހުމަދު ތާހާއެވެ.
ވަން ޝޮޓް އިވެންޓްސްއަކީ އިވެންޓް މެނޭޖުމަންޓުގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ނަމެކެވެ. ހާއްސަކޮށް ވަން ޝޮޓް އިވެންޓް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ "ތެމުނަސް ހެވޭ" ލަވަ ހެދި ކުޅަދާނަ ޓީމުގެ ގޮތުގައެވެ.
ވިލި މުއައްސަސާ ކަޕް ވެގެންދަނީ ވަން ޝޮޓް އިވެންޓްސްގެ އެންމެ ފުރަތަމަ ކުޅިވަރު އިވެންޓަށެވެ.

އިއްޔެ ދަރުބާރުގޭގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---
ވިލި މުއައްސަސާ ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި 10 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމާއެކު މުބާރާތުގެ ހުރިހާ މުއުލޫމާތެއް ހިއްސާކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.
ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.