މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އާއި ރ. އަލިފުށީ ހީރާސް ސްޕޯޓްސް ކްލަބް ގުޅިގެން ގޭތެރޭ ގަސްހައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އަލިފުށީގެ 42 މީހަކު ބައިވެރިވެއެވެ. މި ޕްރޮގްރާމަކީ ރަށުގެ ގިނަ ބަޔަކު އެދިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ހީރާސް ސްޕޯޓްސް ކްލަބް އިން ބުނެއެވެ.

އަލިފުށީގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމް --- ފޮޓޯ ހީރާސް ސްޕޯޓްސް

ސަން އާ ވާހަކަ ދައްކަވަމުން ހީރާސް ސްޕޯޓްސް ކްލަބްގެ އޮފިޝަލަކު ވިދާޅުވީ ޕްރޮގްރާމު ކުރިއަށްގެންދަނީ އަމަލީ ބަޔާއި ތިއަރީ ބައިވެސް ހިނަމައިގެން ކަމަށެވެ. ޕްރޮގްރާމުގައި ތަމްރީނުދެއްވަނީ އެގްރިކަލްޗާގެ ފަރާތުންނެވެ.

"މިއީ ގޭތެރޭގައި ގަސްހައްދާ މީހުންނަށް ވަރަށް މުހިއްމު ޕްރޮގްރާމެއް،" އޭނާ ވިދާޅުވިއެވެ.

އަލިފުށީގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމް --- ފޮޓޯ ހީރާސް ސްޕޯޓްސް

ގަސްހައްދަން ދަސްކޮށްދޭ ޕްރޮގްރާމު ވަރަށް ކާމިޔާބު ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ޕްރޮގްރާމުތައް ހިންގަން ރައްޔިތުން އެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ގޭތެރޭގައި ހެއްދޭނެ ކާބޯތަކެތި އަޅާ ގަހާއި ބަގީޗާ ގަސް ހައްދާނެ ގޮތްވެސް ދަސްކޮށްދޭކަމަށާއި، މި ޕްރޮގްރާމު ކުރިއަށް ގެންދިއުމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށް ހީރާސް ސްޕޯޓްސް ކްލަބުން ބުނެއެވެ.

އަލިފުއްޓަކީ ގޭތެރޭގައި ގަސްހައްދާ މީހުން ގިނަ ރަށެކެވެ. ދަނޑުގައި ގަސް ހައްދާ މީހުންވެސް އެރަށުގައި ކޮންމެވެސް ވަރަކަށް އުޅެއެވެ.