26 Aug 2011, 00:09
ޓްރިޕޮލީ (އޮގަސްޓް 25) : ލީބިޔާގެ ކާރނަލް މުޢައްމަރުލްޤައްޒާފީ ހުންނެވީ ލީބިޔާގެ ތަނެއްގައި ކަމަށާއި ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ ޢަސްކަރީ ހަރަކާތްތައް ކޮމާންޑް ކުރައްވަނީ ޚުދު ޤައްޒާފީ ކަމަށް އޭނާގެ ތަރްޖަމާން ވިދާޅުވެއްޖެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލް އަދި ލިބިފައިނުވާ ކަމަށް އަލްޖަޒީރާ ބުނެއެވެ.
އަނެއްކޮޅުން ކާރނަލް ޤައްޒާފީގެ ކުރީގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީޒިއްޔާ ކޭމްޕުގެ ކައިރީގައިވާ ޢިމާރާތްތަކެއްގައި ގައްޒާފީއާއި އޭނާގެ ބައެއް ފިރިހެން ދަރިން ފިއްލަވައިގެން އެބަތިއްބެވި ކަމަށް ލީބިޔާގެ ހަނގުރާމަވެރިން ބުނެއެވެ.
ހަނގުރާމަވެރިންގެ ބައެއް ކޮމާންޑަރުންނާ ޙަވާލާދީ ރޮއިޓާސް ބުނިގޮތުގައި ގައްޒާފީއާއި އޭނާގެ ބައެއް ފިރިހެން ދަރިން ފިއްލަވައިގެން އެބަތިއްބެވި ކަމަށް ޝައްކުކުރެވޭ ޢިމާރާތްތަކަށް ހަނގުރާމަވެރިން ގެންދަނީ ވަރަށް ވަރުގަދައަށް ޙަމަލާދެމުންނެވެ. މި ޢިމާރާތްތަކުގައި އެބޭފުޅުން ފިއްލަވައިގެން ތިއްބެވި ކަމަށް ޝައްކު ކުރެވެނީ ގައްޒާފީއަށް ވަފާތެރި ސިފައިން ގިނަ ޢަދަދަކަށް އެޢިމާރާތްތަކުގެ ކައިރީގައި ޙަރަކާތްތެރިވަމުން ދިޔުމާއި އެޢިމާރާތްތަކާ ގާތްވާ ފަރާތްތަކަށް ގައްޒާފީއަށް ވަފާތެރި ސިފައިން ޙަމަލާތައް ދެމުން ގެންދާތީ ކަމަށްވެސް އިދިކޮޅު ހަނގުރާމަ ވެރިން ބުނެއެވެ.
ނަމަވެސް އެ ޢިމާރާތްތަކުގެ ކައިރީގައި ލީބިޔާގެ ހަނގުރާމަވެރިންނާއި ގައްޒާފީއަށް ވަފާތެރި ސިފައިންނާ ދެމެދު ހަނގުރާމަ ހިނގަމުންދާތާ އެތަށް ގަޑިއެއްވެފައިވާއިރުވެސް ގައްޒާފީގެވެސް އަދި އޭނާގެ ދަރިންގެވެސް ހިލަމެއް އަދި ނުވާކަމަށް ޚަބަރުތައް ބުނެއެވެ. (ރޮއިޓާސް +އަލްޖަޒީރާ)