ގައުމީ ފުޓުބޯޅަ ޓީމު ރޭ ސިންގަޕޫރަށް ފުރައިފިއެވެ.

ސިންގަޕޫރަށް ގައުމީ ޓީމު ގޮސްފައިވަނީ އެ ގައުމުގެ ގައުމީ ޓީމާއެކު މާދަމާ އޮންނަ އެކުވެރި ކަމުގެ މެޗަކަށެވެ. މާދަމާގެ މެޗު އޮންނާނީ ހަވީރު ރާއްޖެ ގަޑިން 4:30 ގައެވެ.

ޓީމުގައި ހިމެނެނު 23 ކުޅުންތެރިންގެ ތެރެއިން ޓީމާއެކު ދަތުރު ނުކުރަނީ ހަމައެކަނި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭއަށް ޓީމާއެކު ސިންގަޕޫރަށް ނުދެވުނީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ބުރަކަށްޓަށް އެރި ތަދެއް މުޅިން ރަނގަޅު ނުވާތީއެވެ. އަދި ރާއްޖޭގައި 27 ވަނަ ދުވަހުގެރޭ ބޫޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗަށް އޭނާ ފިޓްވާނެ ކަމަށްވެސް ބެލެވެއެވެ.

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސިންގަޕޫރުގައި ކުޅޭ މެޗަކީ އަލަށް ޓީމާ ހަވާލުވި ކޯޗު، ޕީޓާ ސެގަޓްގެ އިރުޝާދުގެ ދަށުން ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ. ސެގަޓްގެ އެސިސްޓެންޓެއްގެ ގޮތުގައި އެފްއޭއެމްއިން އިއްޔެވަނީ އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފައެވެ.

ގައުމީ ޓީމު ފުރުވާލުމަށް ކުރީގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި، އިމްރާން މުހައްމަދު (އިންމަ)ގެ އިތުރުން އެފްއޭއެމްގެ އިސް ބޭފުޅުން ރޭ ގޮސްފައިވެއެވެ. މީގެ އިތުރުންވެސް އާއްމުކޮށް ގައުމީ ސްކޮޑުގައި ހިމެނޭ ނަމަވެސް މިފަހަރު ފުރުސަތު ގެއްލުނު ޝާފިއު އަހުމަދު (ޝާފީ) ވެސް ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ޓީމު ފުރިތަނަށް ގޮސްފައިވެއެވެ.

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަލަށް ޒުވާން ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ހިމަނާފައި ވާއިރު، ސީނިއާ ގިނަ ކުޅުންތެރިންތަކަކަށް ޓީމުން ޖާގަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ވިކްޓަރީއަށް ކުޅެމުން އަންނަ ޑިފެންޑަރު ޝާފީއާއި ނިއު ރޭޑިއަންޓްގެ ރިޟްވާން ވަހީދު (ރިލޭ)ވެސް ސްކޮޑުގައި ނުހިމެނެއެވެ. އަދި އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ)އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ)ވެސް ޓީމުގައި ނުހިމެނެއެވެ.

ގައުމީ ސްކޮޑުގައި ހިމެނިފައިވާ 23 ކުޅުންތެރިންގެ ސްކޮޑު:

ޓީސީ ސްޕޯޓްސް ކްލަބު

  • އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)

  • އިބްރާހީމް ވަހީދު (އިއްބެ)
  • އައްޒާމް އަބްދުﷲ

ޔުނައިޓެޑް ވިކްޓަރީ

  • ހަސަން ތޮލާލް (ޓޮޕްލެކް)

ކްލަބު ގްރީން ސްޓްރީޓްސް

  • އަސްހަދު އަލީ (އަޑުބަރޭ)

  • އަބްދުﷲ ޔާމީން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

  • ސަމޫހު އަލީ (ސަމުއްޓޭ)

  • ޔަސްފާދު ހަބީބު (މުލަކޭ)
  • މުހައްމަދު އިރުފާން
  • މުޖުތާޒު މުހައްމަދު (މުޖޭ)
  • ހުސައިން ޝަރީފު

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު

  • އަލީ އަޝްފާގު (ދަގަނޑޭ)

  • އަކްރަމް އަބްދުލްޣަނީ (އަކޫ)
  • މުހައްމަދު އުމައިރު
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަލީ ފާސިރު (ސެންޓޭ)
  • ހިސާމް ސަލީމް (ކޮކީ)
  • ރިހާމް އަބްދުލްޣަނީ (ބޮބީ)
  • މުހައްމަދު ފައިސަލް

ކްލަބް އީގަލްސް

  • މުހައްމަދު ނާއިމް

  • ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
  • އަހުމަދު ނޫމާން (ހެލްމެޓް)

ވިކްޓަރީ ސްޕޯޓްސް ކްލަބު

  • ހުސައިން ނިހާން (ނިހާޓް)