ލީމާ (މާޗް 22): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކަޗިންސްކީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޓީވީ މެދުވެރިކޮށް އިއްޔެ ދެއްވި ހިތާބެއްގައި ކަޗިންސްކީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފައި އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވަނީ ގައުމުގެ ތަރައްގީއަށް ހުރަސް ނޭޅުމަށް ކަމަށް ވިދާޅުވެފަ އެވެ.

"މިގައުމަށް އެއްބައިވަންތަކަމާއި ހަމަޖެހުން ބޭނުންވެފައިވާ ދަނޑިވަޅެއްގައި އެކަމަށް އޮތް ހުރަހަކަށް ވާން އަޅުގަނޑު ބޭނުމެއް ނޫން،" ކަޗިންސްކީ ވިދާޅުވި އެވެ.

ކަޗިންސްކީގެ މައްޗަށްކޮށްފައި ވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އޯޑެބްރެކްޓުން 4.8 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުތެވެ.

ޕެރޫގެ ނޫސްތަކުން ބުނާ ގޮތުގައި އޯޑެބްރެކްޓުން އެ ފައިސާ ފޮނުވާފައި ވަނީ ކަޗިންސްކީގެ ކުންފުންޏެއް ކަމަށްވާ ވެސްޓްފީލްޑް ކެޕިޓަލް ލިމިޓެޑަށް 2004 އާއި 2005އާ ދޭތެރޭގަ އެވެ.

ކަޗިންސްކީގެ އިސްތިއުފާ ކޮންގްރެސްއަށް ހުށަހެޅީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މިއަދު ނަގަން ހަމަޖައްސާފައި ވަނިކޮށެވެ. އަދި ކަޗިންސްކީއަށް ތާއިދު ކުރާ ފަރާތްތަކުން ބައެއް މެމްބަރުންގެ ވޯޓު ގަންނަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވި ފަހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް ޕެރޫގެ ގާނޫނު ހަދާ މަޖިލީހުގައި ކަޗިންސްކީގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގި އެވެ. ނަމަވެސް އެވޯޓު ކާމިޔާބެއް ނުވި އެވެ.

ދެހާސްސޯޅާ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ކަޗިންސްކީ އިސްތިއުފާ ދެއްވަމުން އެމަގާމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް މާޓިން ވިޒްކަރާ އެވެ. (ބީބީސީ)