22 Mar 2018, 10:01
ސޯޝަލް މީޑިއާ ނެޓްވޯކު ޓުވިޓާގެ އިންފޮމޭޝަން ސެކިއުރިޓީގެ ޗީފް އޮފިސަރު މައިކަލް ކޯޓްސް އެކުންފުނި ދޫކޮށްލަން ނިންމައިފި އެވެ.
މައިކަލް ޓްވިޓާ އާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އޭނާ ޓުވިޓާ ދޫކޮށްލަނީ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ކަމަށް، އޭނާ އާ އެކު މަސައްކަތް ކުރާ މީހުންކައިރީ ބުނެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. މައިކަލް ޓުވިޓާ ދޫކޮށްލުމާ ގުޅޭ ގޮތުން ޓުވިޓާ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ނަމަވެސް ތުންތުންމަތިން ދެކެވުނު ވާހަކަ ޔަގީންކޮށްދެމުން މައިކަލް ވަނީ ޓުވީޓެއްކޮށްފަ އެވެ. އޭނާގެ ޓުވީޓުގައި ބުނީ ޓުވިޓާ ދޫކޮށްލީ އަމިއްލަ ސެކިއުރިޓީ ކުންފުންޏެއް އުފައްދައި މަސައްކަތް ކުރުމަށް ކަމަށެވެ. ޓުވިޓާގެ ދަތުރަކީ ހިތްގައިމު ދަތުރެއް ކަމަށާއި ޓުވިޓާ ދޫކޮށްލަނީ ހިތްހަމަ ޖެހިގެން މަސައްކަތް ކުރެވުނު ކަމަށް ގަބޫލު ކޮށްގެން ކަމަށެވެ.
ޓުވިޓާގެ އިންފޮމޭޝަން ސެކިއުރިޓީގެ ޗީފް އެ ކުންފުނި ދޫކޮށްލާކަން އާންމުކޮށްފައިވާ އިރު ގޫގުލްގެ އިންފޮމޭޝަން ސެކިއުރިޓީގެ އިންޖިނިއަރިންގެ ޑިރެކްޓަރު ވެސް ވަނީ ކުންފުނި ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެގާރަ އަހަރަށް ފަހު ގޫގުލްގެ ސެކިއުރިޓީ ޓީމުގެ އިސް މީހަކު އެ ކުންފުނިިން ވަކިވާއިރު ފޭސްބުކްގެ ޗީފް ސެކިއުރިޓީ އޮފިސަރު ވެސް ވަނީ އޮގަސްޓު މަހު މަގާމު ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.
އެންމެ ބޮޑެތި ޓެކް ކުންފުނިތަކުގެ ސެކިއުރިޓީ އާ ބެހޭ އިސް ފަރާތްތަކުން އިސްތިއުފާ ދޭން ނިންމާފައިމިވަނީ އެކުންފުނިތަކާ ގުޅޭ ގިނަ ސެކިއުރިޓީ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ.