22 Mar 2018, 09:04
ބަތަލާ ޖެކްލީން ފާނަންޑޭޒް ހިމަނައިގެން ފިލްމު 'ބާގީ 2' އަށް ހަދައިފައިވާ ފިލްމު ތޭޒާބްގެ ހިޓް ލަވަ، "އެކް ދޯ ތީން"ގެ ރީމޭކްގެ ސަބަބުން ބޮލީވުޑް ސަޕޯޓަރުން ރުޅިގަދަވެއްޖެ އެވެ.
ޔޫޓިއުބުގައި އެ ލަވަ ރިލީޒް ކުރިތާ ދެ ދުވަހުގެ ތެރޭގައި 18 މިލިއަނަށް ވުރެ ގިނަ ފަހަރަށް އެ ލަވަ ބަލައިފައިވީ ނަމަވެސް، އާންމުންގެ ރުހުން އެ ލަވައަށް ލިބިގެން ނުދިޔަ އެވެ.
ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރު ރިލީޒް ކުރި "އެކް ދޯ ތީން"ގައި ފެނިގެން ދަނީ ބަތަލާ މާދުރީ ދިކްޝިޓް އެވެ. އަދި ލަވަ ރިލީޒް ކުރުމާ އެކު ހިޓަކަށް ވެގެން ދިޔަ އެވެ. އެ ލަވަ އަކީ މިހާރު ވެސް އާންމުންގެ މެދުގައި މަގުބޫލު ލަވަ އެކެވެ.
އެހެން ނަމަވެސް އެ ލަވައިގެ ރީމޭކް އަކީ "ސެކްސް އެކްޓެއް" ކަމަށް ބުނެ، އަސްލު ލަވައިގެ ޑައިރެކްޓަރު މިވަނީ 'ބާގީ 2'ގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ގޮވައިގެން ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ.
އެގޮތުން ފިލްމު 'ތޭޒާބް'ގެ ޑައިރެކްޓަރު އެން ޗަންދުރާ އަދި ލަވައިގެ ކޮރެއޮގްރާފަރު ސަރޯޖް ޚާން ވަނީ ޖެކްލީންގެ "އެކް ދޯ ތީން" އާމެދު ހިތްހަމަ ނުޖެހޭ ކަން ފާޅުކޮށްފަ އެވެ.
ރީމޭކް ކިޔައިދީފައި ވަނީ ޝްރެޔާ ގޯޝާލް އެވެ. އަދި ސަންދީޕް ޝިރޯދްކަރް ޑައިރެކްޓު ކޮށްފައިވާ އެ ލަވަ ކޮރެއޮގްރާފް ކޮށްދީފައި ވަނީ ގަނޭޝް އަޗާރިޔާ އެވެ.