ހޯމަ ދުވަހު ވޯޓަށް އަހާ ޖެނެރަލް ސޭލްސް ޓެކްސް ]ޖީއެސްޓީ[ގެ ބިލަށް ޑީއާރުޕީން ތާއީދު ނުކުރާނެ ކަމަށާއި އެ ބިލަށް އެ ޕާޓީން ވޯޓް ނުދޭނެ ކަމަށް ބުނެފި އެވެ.

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު މުހައްމަދު މިރޭ ވިދާޅުވީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު މެންދުރު ފަހު ބޭއްވި ބައްދަލު ކުރެއްވުމުގައި އެ ބިލަށް ތާއީދު ނުކުރުމަށް ނިންމީ ރޭ މުޅި މަޖިލީސް ކޮމެޓީކޮށް ބޭއްވި ބައްދަލުވުމުގައި ބިލް ފާސްވާ ދުވަހުން ފެށިގެން ބިލަށް އަމަލު ކުރުމަށް ފާސްކުރުމުން ކަމަށެވެ.

އަހުމަދު ވިދާޅުވީ އެ ބޭފުޅުން ވަކާލާތު ކުރައްވަމުން އައީ ޖީއެސްޓީގެ ބިލަށް އަމަލު ކުރަން ފެއްޓުން ހަ މަސް ދުވަސް ވަރުގެ މުއްދަތެއް ހޯދުމަށް ކަމަށާއި ނަމަވެސް އެމްޑީޕީން ބޭނުންވީ ބިލް ފާސް ކުރާ ދުވަހުން ފެށިގެން ބިލަށް އަމަލު ކުރަން ފެއްޓުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ބިލް އޮތް ގޮތުން އަހަރަކު އެއް މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ކޮންމެ ފިހާރައަކުން ވެސް ޖީއެސްޓީ ދައްކަން ޖެހޭ ކަމަށާއި އެ ރޭޓަށް ބަލާ އިރު އެއީ ދުވާލަކު 2،740ރ. ކަމަށާއި އެވަރު ނުލިބޭ ތަނެއް ވަރަށް މަދުވާނެ ކަމަށެވެ.

އެހެންކަމާ އެކު އޭނާ ވިދާޅުވީ ކުދިކުދި ވިޔަފާރިތައް ހިންގާ މީހުންނަށް އެއީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށާއި އެ މީހުން ޕޮއިންޓް އޮފް ސޭލްސް މެޝިން ފަދަ އަދި ލިޔެކިއުންތައް ރެކޯޑް ކުރެވޭނެ އިންތިޒާމެއް ހަމަޖެއް ސުމަށް ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް ބޭނުން ވާނެ ކަމަށާއި އެފަދަ ކަންކަމުގައި އެ ޕާޓީ އަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
"އެއީ އިންސާނުންނަށް ކުޅަދާނަވާނެ ވަރެއް ނޫން،" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި އެ ޕާޓީން މަސައްކަތް ކުރާނީ މުޅި ރައްޔިތުންގެ ލާބަޔާއި މަންފާ އަށް ބަލައިގެން ކަމަށާއި ރައްޔިތުންނަށް ދަތި އަދި އުނދަގޫ ކަންތައްތަކަށް ތާއީދު ނުކުރާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ އެދުމަކީ ދެން ތިއްބެވި ހުރިހާ އިދިކޮޅު ފަރާތްތަކުން ވެސް އެ އުސޫލު ގަބޫލު ކުރައްވައި އެ ބިލަށް ވޯޓް ނުދެއްވުމެވެ.

ޑީއާރުޕީން ބުނި ގޮތުގައި ކުރިއްސުރެ އެ ޕާޓީގެ ޕޮޒިޝަނަކީ އިންކަމް ޓެކްސްގެ ބިލަށް ތާއީދު ނުކުރެއްވުމެވެ. އަދި އެ ވާހަކަ އޮންނާނީ އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ދާދިފަހުން ބައްދަލު ކުރެއްވި ރޭ ވެސް ދަންނަވައިފައި ކަމަށެވެ. އަދި އެ ޕޮޒިޝަނަށް ބަދަލު ނުގެންނަ ކަމަށާއި އެ ބިލަށް ވެސް ވޯޓް ނުދޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ޑީއާރުޕީން ބުނީ އެ ދެ ބިލަށް އެ ޕާޓީން ވޯޓް ނުދިނަސް އިމްޕޯޓް ޑިއުޓީން ލުއި ދިނުމަށް ހުށަހަޅާ ބިލަށް ވޯޓް ދޭނެ ކަމަށެވެ.