22 Mar 2018, 09:26
ޑައިރެކްޓަރު ލަވް ރަންޖަންގެ އެންމެ ފަހުގެ ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އިން ބޮލީވުޑް ބޮކްސް އޮފީހުގައި 100 ކުރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، އަހަރުގެ ދެވަނަ އަށް އެންމެ ކާމިޔާބު ފިލްމުގެ މަގާމު ހޯދައިފި އެވެ.
ކާތިކް އާރްޔަން، ނުޝްރަތު ބަރޫޗާ އަދި ސަނީ ސިންގް ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރީ މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.
ފިލްމު ރިލީޒް ކުރިތާ މަހެއް ވެފައިވާ އިރު، އިންޑިއާ އިން އެކަނި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އަށް ވަނީ 100.10 ކުރޯޑް ލިބިފަ އެވެ.
އެއާއެކު އެ ފިލްމު ވެގެން ގޮސްފައި މިވަނީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން 100 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދި ދެވަނަ ފިލްމަށެވެ. އަދި 286.24 ކުރޯޑާ އެކު އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި އަދި އޮތީ ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އެވެ.
ބޮލީވުޑްގެ ފުންނާބު އުސް، ބޮޑު މަޝްހޫރު ކަމެއް ލިބިފައި ނުވާ ފަންނާނުންނާ އެކު އުފައްދައިފައިވާ ފިލްމަކަށް އެވަރުގެ އާމްދަނީއެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ފާހަގަ ކޮށްފަ އެވެ.
ހަމަ މި ކާސްޓާ އެކު ލަވް ރަންޖަން މީގެ ކުރިން ޑައިރެކްޓު ކުރި "ޕިޔާރް ކާ ޕަންޗްނާމާ" އަދި "ޕިޔާރް ކާ ޕަންޗްނާމާ 2" ވެސް ވެގެން ގޮސްފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމަކަށެވެ.