ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވާ ދެވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން 100 މީހުން އަންނަ ހަފްތާ ތެރޭގައި ދޫކޮށްލާނެ ކަމަށް ދެވަނަ ފުރުސަތުގެ އޮފީހުން ބުނެފި އެވެ.

ދެވަނަ ފުރުސަތުގެ ފުރަތަމަ ބުރުގައި 47 މީހަކު މިނިވަންކޮށްފައިވާ އިރު ދެ ވަނަ ފުރުސަތުގެ އޮފީހުގައި މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް (މޮނާޒާ) ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އިތުރު 100 ގައިދީއަކު މުޖުތަމައަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު އެ ހުރިހާ ގައިދީން ވެސް މާލޭ ޖަލަށް ބަދަލުކޮށް އެ މީހުން މިނިވަން ކުރުމުގެ ކުރިން ހިންގަން ޖެހޭ ހަތް ދުވަހުގެ ޓްރެއިނިން ޕްރޮގުރާމް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ރައީސްއަށް އޮތް ހައްގެއް މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމަކީ. އަޅުގަނޑުމެން ބަލައިގެން މި އުޅެނީ އަންނަ ހަފްތާގެ ތެރޭގައި އިތުރު 100 ގައިދީއަކު ދޫކޮށްލެވޭ ވަރު ވާނެ ކަމަށް. އެއީ ހޯމަ އަންގާރަ ކަމަށް ވެސް ވެދާނެ. އަންނަ ހަފްތާ ކަމަށް މި ބަލަނީ. މިހާރު ޕްރޮގްރާމަށް ގެނެވުނު ބަދަލަކާ އެކު 103 ގައިދީއަކު މާލޭ ޖަލަށް ގެނެސްގެން ހަތް ދުވަހުގެ ޕްރޮގުރާމެއް އެބަ ހިންގަން، އެއީ ހަތް ދުވަހުގެ 25 ގަޑިއިރުގެ ޕްރޮގުރާމެއް. އޭގެން 100 ގައިދީއަކު ދޫކުރެވޭތޯ މިބަލަނީ،" ނައީމް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގެ ގައިދީންނަށް ޖަލުގައި ހިންގާފައި ވަނީ ހަތަރު ގަޑިއިރުގެ ޕްރޮގުރާމެކެވެ. ނައީމް ވިދާޅުވީ އެ ޕްރޮގްރާމް ހަތް ދުވަހަށް ބަދަލުކުރަން ނިންމީ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބެލުމަށް ފަހު ހަތަރު ގަޑިރަކީ އެ މީހުންނަށް އެނގެން ބޭނުންވާ މައުލޫމާތު އެނގުމަށް މަދު ވަގުތުކޮޅެއް ކަމަށް ފެންނާތީ ކަމަށެވެ. ދިރިއުޅުމުގެ ހުނަރުތަކާއި އެހެނިހެންވެސް ބައިތައް ހިމެނައިގެން ހިންގާ ރިހިބިލިޓޭޝަންގެ ހަތް ދުވަހުގެ ބޭސިކް ޕްރޮގްރާމް މިނިވަން ކޮށްފައިވާ ގައިދީންނަށް މިހާރު ކުރިއަށް ގެންދަނީ ދެވަނަ ފުރުސަތުގެ އޮފީހުގަ އެވެ.

"އަޅުގަނޑުމެންނަށް މި އެނގުނީ އެވަރު ނުފުދޭ ކަމަށް. އެއީ އެ ކުދިންނަކީ ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކޮށްފައިވާ ކުދިން. އެހެންވެ އަޅުގަނޑުމެން ނިންމީ މުޖުތަމައަށް ގެނައުމުގެ ކުރިން ރިހިބިލިޓޭޝަންގެ ބޭސިކް ހަތް ދުވަހުގެ ޕުރޮގްރާމް އެ މީހުން ޖަލުގައި ބައިތިއްބައިގެން ހިންގަން،" ނައީމް ވިދާޅުވި އެވެ.

ދެވަނަ ފުރުސަތުގެ އޮފީހުން ހިންގާ ރިހިބިލިޓޭޝަންގެ ޕްރޮގްރާމް ފުރިހަމަ ކުރަމުން އަންނަ ބެޗާ ބެހޭ ގޮތުން ނައީމް ވިދާޅުވީ އޭގެ އިން އެއްވެސް ގައިދީއަކާ ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ރިޕޯޓް ކޮށްފައި ނުވާކަމަށާއި ހުރިހާ ގައިދީން ވެސް ކަނޑައެޅިފައިވާ ގޮތަށް ޕްރޮގްރާމްތަކުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

"އެ ކުދިންނަކީ މުޖުތަމައުއާއި ދުރުގައި ތޭރިތަކުގެތަކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ތިބި ކުދިން. ވީމާ ފުރަތަމަ ދުވަސްކޮޅުން އެތަނުން ބައެއް ކުދިން ގަޑި ޖެހުން ކަހަލަ ކަންތައް ދިމާވި. އެކަމަކު މިހާރު އެކަން ރަނގަޅުވެ ހުރިހާ ކުދިން ވެސް ބަރާބަރަށް އެޓެންޑް ކުރަމުން ދަނީ،" ނައީމް ވިދާޅުވި އެވެ.

އޭގެތެރެ އިން 16 ގައިދީއަކު އެމްއެންޑީއެފް ޓްރައިނިން ސެންޓަރު، ގިރިފުށީގައި އިންޖިނިއަރިންގެ ރޮނގުން ތަމްރީން ހަދަންފަށާފައިވާ ކަމަށާއި އަދި އިތުރު ފަސް ގައިދީއަކު ވެސް އެކި ވަޒީފާތަކަށް ނިކުންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގައިދީން ނިކުމެފައި މިވަނީ ބޮޑުކަންނެއްޏާއި ދަޑުވެރިކަމާއި އަމިއްލަ ވިޔަފާރިއާއި އަދި މުނިހޯމް ކެއާއަށް. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައިޓީ އާއި ގުރެފިކްސް ޑިޒައިނިން އާއި ހެވިލޯޑް މަސައްކަތާއި ރިސޯޓް ވަޒީފާ އަށް ދާންބޭނުންވެފައި ތިބި ގައިދީންނަށް އިރާދަކުރެއްވިއްޔާ އެ ފުރުސަތުތައް ހަމަޖެހިގެން ދާނެ. އަޅުގަނޑުމެން މިދަނީ އެމްޕުލޮޔަރުންނާ ވާހަކަދައްކަމުން. އެބޭފުޅުން ޕޮޒިޓިވް،" ނައީމް ވިދާޅުވި އެވެ.