21 Mar 2018, 18:22
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމާއި ޓެރަރިޒަމްގެ ދައުވާ ހިމެނެއެވެ.
މީގެ ތެރެއިން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އެ ކޯޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށް އެ ދައުވާގައި ވެއެވެ.
އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ހެކި ނައްތާލަން އެމަނިކުފާނު މަސައްކަތް ކޮށްފާނެ ކަމަށް ބަލާފައި ކަމަށެވެ.
ހިސާން އިތުރަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖިނާއީ އިޖުރާތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވަނިކޮށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނުކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.
އަބްދުﷲ ސައީދާއެކު ފެބްރުއަރީ ހަވަނަ ދުވަހުގެ ރޭ ހައްޔަރުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި، މެމްބަރު އަބްދުﷲ ސިނާނާއި، މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފައެވެ.