ޗައިނާ އާއި ރާއްޖެއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރާއްޖެ 'ދަރަނި ދަންތުރައެއްގައި' ޖައްސަން ކުރިއަށްގެންދާ މަޝްރޫއަތަކެއް ކަމަށް ބުނާ ވާހަކަތަކުގައި އެއްވެސް ބަރުދަނެއް ނެތް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިނަށްސަފީރު ޒަންގް ފޮނުއްވި ބަޔާނެއްގައިވާ ގޮތުން ބައެއް ފަރާތްތަކުން ދަނީ ޗައިނާއާ ބެހޭ ގޮތުން ދޮގު ހަބަރު ފަތުރަމުންނެވެ. އެގޮތުން ޗައިނާއިން ދަނީ ރާއްޖޭގެ "ބިންތައް ފޭރިގަނެ"، ރާއްޖެ ދަރަނިވެރި ކުރަން މަސައްކަތް ކުރަމުން ކަމަށް ތުހުމަތުކޮށްފައިކަމަށް ސަފީރު ވިދާޅުވި އެވެ.

ނަމަވެސް ރާއްޖެއާއި ޗައިނާގެ މަސައްކަތްތަކަކީ ރާއްޖޭގެ "ބިން ފޭރުމަށް" ކުރާ މަސައްކަތްތަކެއް ނޫން ކަމަށް ޒަންގް ވިދާޅުވި އެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރު ތެރޭގައި ތަފާތު 30 ގައުމަކުން ވަނީ ރާއްޖޭގެ 124 ރަށެއްގައި އިންވެސްޓުކޮށްފައި ކަމަށާއި އޭގެ ތެރެއިން ޗައިނާއިން އިންވެސްޓު ކޮށްފައި ވަނީ އެންމެ ި ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖެއާ އެކު ޗައިނާއިން ކުރަމުންދާ މަސައްކަތްތަކުގައި ޗައިނާއިން ރާއްޖޭގެ ސަރުކާރުގެ ނިންމުންތަކަށް އިހުތިރާމު ކުރާނެ ކަމަށާއި، ރާއްޖޭގެ ބޭނުންތަކަށް ވިސްނައި، އެއްވެސް ސިޔާސީ ޝަރުތެއް ކުރިމަތި ނުކުރާނެ ކަމަށް ސަފީރު ޒަންގް ވިދާޅުވި އެވެ.

"(ދެ ގައުމުގެ) އެއްބާރުލުމަކީ ފުޅާކޮށް މަޝްވަރާ ކުރުމުގެ އުސޫލުތަކަށް ބޯލަނބައި، ދެ ގައުމުން މަސައްކަތްކޮށް، ދެ ގައުމަށްވެސް ފައިދާ ލިބޭ ގޮތަށް، އަދި މާކެޓް ޑިސިޕްލިން އާއި ބައިނަލްއަގުވާމީ ގަވާއިދުތަކަށް އަމަލު ކުރާ މަސައްކަތްތަކެއް. އެބުނާ 'ދަރަނި ދަންތުރައެއްގައި ޖެއްސުމަކީ' އެއްވެސް ބަރުދަނެއް އޮތް ވާހަކަތަކެއް ނޫން،" ސަފީރު ވިދާޅުވި އެވެ.

އަދި މީގެ ކުރިންވެސް ބުނި ފަދައިން، ސަފީރު ޒަންގް ވެސް ވަނީ ޗައިނާއިން ރާއްޖޭގައި އިންވެސްޓު ކުރަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޫން ކަމަށާއި، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ބައެއް މަޝްރޫއުތައް ފަށާފައިވާ ކަން ފާހަގަ ކުރައްވައިފައެވެ.

އަދި ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރާނެ ކަމަށް ޗައިނާ ސަރުކާރުން އުއްމީދު ކުރާ ކަމަށާއި، އެހެން ގައުމުތަކުގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ވަނުމަކީ ޗައިނާ ގަބޫލު ކުރާ ގޮތެއް ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް ބުރޫ ނާރާނެ ކަމަށާއި، ނަމަވެސް އޭގެ ސަބަބުން އިންޑިއާ ސަރަހައްދަށް ހަމަޖެހުމާއި ތިޔާގިކަން ލިބޭނެ ކަމަށް ސަފީރުގެ ބަޔާނުގައިވެއެވެ. އަދި ސަފީރު ވަނީ ވަކި ފަރާތެއްގެ ޒައާމަތުގައި ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ތާއިދު ކުރުމަށް ފަހު އެޒައާމަތު ނިމުމުން ޗައިނާއާ ދެކޮޅުވެރިވެ އެގައުމަށް ފާޑު ކިޔުމުގެ އާދަ ހުއްޓާލަންވެއްޖެ ކަމަށް ވިދާޅުވެފައެވެ.