ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕުކުރުމުގެ ތެރޭގައި ވަކި ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި އެވެ.

އެ މައްސަލަ ނިންމައި އޭސީސީން މިއަދު ނެރުނު ބަޔާނުގައި، އެއީ ކޮން ބޭފުޅެއް ކަމެއް ބުނެފައެއް ނުވެއެވެ. އަދި އެކަން ސާފުކުރަން އޭސީސީގެ ރައީސް ހަސަން ލަތީފަށް ގުޅުމުން ވެސް އެފަދަ މައުލޫމާތެއް އެ ކޮމިޝަނުން ހިއްސާ ނުކުރާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ވިިދާޅުވީ، އެއީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ހުންނެވި ސްޓޭޓް މިނިސްޓަރެއް ކަމަށެވެ.

އެ މައްސަލަ ބަލައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ދިވެހި ސަރުކާރުން ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ 15000 ފޮތް ޗާޕުކުރުމަށް، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް ފިނޭންސް މިނިސްޓްރީއާއެކު އެއްބަސްވުމެއް ހެދި ކަމަށެވެ. އެ އެއްބަސްވުމުގައި މަސައްކަތުގެ ޖުމްލަ އަގުގެފަހު 15 ޕަސެންޓް ފައިސާ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދެއްކުމަށް އެއްބަސްވެފައިވަނީ ޤުރުއާނުގެ ތަރުޖަމާގެ ހުރިހާ ފޮތްތައް ޗާޕުކޮށް ހަވާލުކުރުމުން ކަމަށް ބުނެފައިވެ އެވެ.

އެގޮތުން މަސައްކަތް ނިމިފައިވާ ކަމަށް ބުނެ، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފައިސާ ދެއްކުމަށްޓަކައި ރައީސް އޮފީހަށް ފޮނުވި ކަމަށާއި ނަމަވެސް ޗާޕްކުރި ފޮތްތަކުގެ ތެރެއިން 98160 ފޮތް ހަވާލު ނުކުރާ ކަމަށް ރައީސް އޮފީހުން ފިނޭންސަށް އެންގި ކަމަށް ތަހުގީގަށް އެނގެން އޮތް ކަމަށް އޭސީސީން ބުނެއެވެ.

ނަމަވެސް ފޮތްތައް ނުލިބޭކަމަށް ބުނެ ރައީސް އޮފީހުން ފިނޭންސަށް ފޮނުވި ސިޓީއާ ހަވާލާދީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަމިއްލައަށް ސޮއިކުރައްވައި، އިންޓާނަލް މެމޯއެއް ނެރުނެވެ. އެ މެމޯގައި ހުރިހާ ފޮތްތަކެއް ލިބިފައިވާކަމަށް ބަޔާންކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށާއި އަދި ނެރުނު އެ މެމޯގައި ސޮއިކުރީ އަމިއްލައަށް ކަމަށް ސްޓޭޓް މިނިސްޓަރު ވެސް ތަހުގީގުގައި އެއްބަސްވެފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، އެ މައްސަލާގައި ފިނޭންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރަށް ދައުވާ ކުރަނީ ރައީސް އޮފީހުގެ ސިޓީގައި ފޮތްތައް ހަމައަށް ނުލިބޭކަމަށް ބަޔާންކުރި ނަމަވެސް ހުރިހާ ފޮތެއް ލިބުނުކަމަށް ބުނެ އިންޓާނަލް މެމޯ ތައްޔާރުކޮށް ފައިސާ ދޫކުރުމަށް އެންގި އެންގުމަކީ ނުލިބޭ މުދަލަކަށް ފައިސާ ދޫކުރުމަށް އެންގުން ކަމަށް އެންގެން އޮތުމުން ކަމަށެވެ.

އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އެކަން އެގޮތަށް ކުރީ، ޗާޕުކުރި ޤުރުއާނުގެ ތަރުޖަމާގައި މައްސަލަތަކެއް ދިމާވެ ފޮތްތައް ބޭނުން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ ވަނިކޮށް ކަމަށް ވެސް އޭސީސީން ބުނެއެވެ.

އެގޮތުން، ފިނޭންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހިންގާފައިވާ އެ އަމަލުތަކަށް ދައުވާކުރަން ފޮނުވީ، އޭނާ ހިންގި އަމަލުތަކަކީ ވަކި ބަޔަކަށް ނާޖައިޒް ފައިދާއެއް ހޯދައިދިނުމަށް ކުރި ކަންތައްތަކެއް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާތީ އެވެ.

އޭގެ އިތުރުން ޤުރުއާނުގެ ތަރުޖަމާގެ ޗާޕް ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެ މަސައްކަތް ހަވާލުކުރި ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ޖުމްލަ ތިރީސް މިލިއަން އެއްލައްކަ އެއްހާސް ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ވެސް ފިނޭންސާއި އޭޖީ އޮފީހަށް ވަނީ އަންގައިފައެވެ.