ދެހާސް ދެވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތަފާތު ގޮތަކަށް ބޯކޮށާލީ ކަކުލަށް ލިބިފައިވާ އަނިޔާގެ ވާހަކަ ދެއްކުން ހުއްޓުވާލުމަށް ކަމަށް ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ ބުނެފިއެވެ.

ރޮނާލްޑޯއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފޯވަޑެވެ. އޭނާގެ ހުނަރުވެރިކަން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ފާހަގަކޮށްލެވުނެވެ. އެ އަހަރުގެ ވޯލްޑްކަޕްގެ ތަށި ބްރެޒިލުން އުފުލާލައިފައިވާއިރު، ފައިނަލްގައި ޖަރުމަން ކޮޅަށް ޖެހި ދެ ގޯލްވެސް ކާމިޔާބުކުރީ ރޮނާލްޑޯއެވެ. ރޮނާލްޑޯ އެއަހަރުގެ ވޯލްޑް ކަޕުގައި ފެނިފައިވަނީ ތަފާތު "ހެއާ ސްޓައިލެ"އްގައެވެ.

ކެރިއަރުގެ އެކި ދުވަސްވަރުގައި ގިނަ އަނިޔާތަކަކާ ކުރިމަތިވި ރޮނާލްޑޯވަނީ ސާޖަރީވެސް ދެ ފަހަރެެއްގެ މަތިން ހަދާފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާ، ބެލޮންޑިއޯވެސް ދެފަހަރު ހޯދާފައިވާ ރޮނާލްޑޯގެ ކެރިއަރުގައި އޭނާވަނީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އިންޓަ މިލާން ފަދަ ކްލަބުތަކަށްވެސް ކުޅެފައެވެ.

"ވޯލްޑް ކަޕަށް އަހަރެން ބޯ ކޮށާލީ ކަކުލަށް ލިބިފައިވާ އަނިޔާއިން ފޯކަސް ގެއްލުވާލުމަށް. މީޑިއާގެ އިތުރުން އެކުގައި ކުޅުނު ކުޅުންތެރިންވެސް އޭރު އާއްމުކޮށް އަހާނީ ފަޔަށް ލިބިފައިވާ އަނިޔާއާ ބެހޭ ގޮތުން. ބޯކޮށާލިފަހުން އެންމެން އަހާނީ ބޯ ކޮށާލީ ކީއްވެތޯ،" 2002 ވަނަ އަހަރު ތަފާތު ގޮތަކަށް ބޯ ކޮށާލީ ކީއްވެތޯ ސުވާލުކުރުމުން ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭރު ބޮލަށް ގެނައި ސްޓައިލަކީ އޭނާއަށްވެސް ރީތި، އަދި އެންމެ ބޭނުންވި ސްޓައިލް ނޫން ނަމަވެސް އޭގެ މަގުސަދު ވަރަށް ރަނގަޅަށް ހާސިލްވި ކަމަށެވެ.

"އަހަރެން ބޯ ކޮށާލީ ކޮންމެހެން އެގޮތް ކަމުދާތީކީ ނޫން. މީހުން އަހަރެންގެ އަނިޔާއާ ބެހޭގޮތުން މާ ގިނަ ވާހަކަ ދައްކާތީ. ބޯ ކޮށާލުމުން އަނިޔާގެ ވާހަކަތައް ހުއްޓި، އަހަންނަށް މުބާރާތަށް ފޯކަސް ކޮށްލަން ފުރުސަތު ލިބުނު،" ރޮނާލްޑޯ ބުންޏެވެ.

މިއަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން ދާ ޓީމާ ދޭތެރޭ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި، މިހާރުގެ ޓީމަކީ ވޭތުވެދިޔަ ދެެ އަހަރު ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެގެން އައިސްފައިއޮތް މޮޅު ޓީމެއް ކަމަށްވެސް ރޮނާލްޑޯ ފާހަގަކުރިއެވެ.

އަންނަ ޖޫން މަހު އޮންނަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލް ވާދަކުރާނީ ގްރޫޕް އީގައެވެ. އެ ގްރޫޕްގައި ބްރެޒިލްގެ އިތުރުން ވާދަކުރާނީ ސްވިޒަލޭންޑާއި ކޮސްޓަރީކާގެ އިތުރުން ސާބިއާއެވެ.