ނިމިގެންދިޔަ އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފުޓްބޯޅަ ޓީމަށް ރަނގަޅު ނަތީޖާއެއް ނުލިބުނު އިރު، ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ދެ ދަރަޖަ ފަހަތަށް ރާއްޖެ ޖެހިއްޖެ އެވެ.

ރާއްޖެ މިފހަރު ދެ ދަރަޖަ ފަހަތަށް ޖެހުނީ މިމަހު ފީފާ އިން އިއުލާން ކުރި ރޭންކިން ލިސްޓަށް ބެލުމަށް ފަހު އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ހަތަރު ވަނައިގައި އޮތް ދިވެހި ރާއްޖެއަށް މިފަހަރުގެ ރޭންކިން ދެ ދަރަޖައިގައި ނާކާމިޔާބީއެއް ލިބުނު އިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 162 ވަނައިގަ އެވެ.

ފީފާ ރޭންކިންގައި މިވއަހަރު ރާއްޖެ އަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެއް ލިބުނީ ހުސްވި އޭޕްރީލް މަހު އިއުލާން ކުރި ރޭންކިން ލިސްޓުންނެވެ. އެފަހަރު ރާއްޖެ އަށް ލިބިފައި ވަނީ ދުނިޔޭގެ 143 ވަނަ އެވެ. އެހެންނަމަވެސް މިއަހަރުގެ މޭ މަހު ރާއްޖެ އަށް ދުނިޔޭގެ 148 ވަނަ ލިބުނު އިރު، މުޅި މިއަހަރު ވެސް އެންމެ ބޮޑު ނާކާމިޔާބީއެއްވީ މި އޮގަސްޓު މަހު އިއުލާން ކުރި ލިސް ޓުން ނެވެ.

މި މަހު އިއުލާން ކުރި ލިސްޓުގައި ރާއްޖެ އަށް ވުރެ ކުރީގައި މޮންގޯލިއާ ދުނިޔޭގެ 160 ވަނަގައި އޮތް އިރު، ޕިލިޕީންސް އާއި ވަނައުޓާ އަށް ވެސް ލިބިފައި ވަނީ ރާއްޖެއާ އެއްވަރަށް ދުނިޔޭގެ 162 ވަނަ އެވެ.
ފީފާ އިން މިފަހަރު އިއުލާން ކުރި ލިސްޓުން މިސަރަހައްދުގެ އެއް ވަނައިގައި އޮތީ މިދިޔަ މަހު ވެސް އެއްވަނައިގައި އޮތް ނޭޕާލެވެ. އެ ގައުމަށް ކުރިއެރުމެއް ނުލިބޭ އިރު ނޭޕާލް އޮތީ 136 ވަނައިގަ އެވެ. ސަރަހައްދުގެ ދެ ވަނައިގައި އޮތީ އަށް ދަރަޖައިގެ ކުރިއެރުމެއް ހޯދި ދުނިޔޭގެ 139 ވަނައިގައި އޮތް ބަންގްލަދޭޝް އެވެ. ސަރަހައްދުގެ ތިން ވަނައިގައި އޮތީ ފާއިތުވި ދުވަސްތަކުގައި ސަރަހައްދުގެ ރަސްކަންކުރި އިންޑިޔާ އެވެ. އެ ގައުމު ފަސް ދަރަޖަ ފަހަތަށް ޖެހިފައިވާ އިރު ދުނިޔޭގައި އިންޑިޔާގެ ރޭންކަކީ 158 އެވެ.

ރާއްޖޭގެ ފަހަތުން ސަރަހައްދުގެ ފަސް ވަނަ މަގާމުގައި އޮތީ އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ 170 ވަނައިގައި އޮތް ޕާކިސްތާނެވެ. ސަރަހައްދުގެ ހަ ވަނައިގައި އޮތީ ދެ ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ 174 ވަނައިގައި އޮތް ސްރީ ލަންކާ އެވެ. އެ ގައުމުގެ ފަހަތުން ހަތް ވަނަ ލިބެނީ ދުނިޔޭގެ 181 ވަނައިގައި، ދެ ދަރަޖައިގެ ވެއްޓުމަކާ އެކު އޮތް އަފްގާނިސްތާނަށެވެ. ސަރަހައްދުގެ ފުލުގައި އޮތީ ދުނިޔޭގެ 201 ވަނައިގައި އޮތް ބޫޓާނެވެ.

މުޅި ދިނިޔެއަށް ބަލާއިރު، މިފަހަރުގެ ލިސްޓުގެ ކުރި ހޯދީ ހޮލެންޑެވެ. އަދި ކުރިން މިމަޤާމް ހޯދި ސްޕެއިންނަށް ލިބުނީ ދެ ވަނަ އެވެ. ސްޕެއިންއަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާ ފައިވާ ޤައުމެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރުކުރި ހޮލެންޑް ފުރަތަމަ ފަހަރަށް ފީފާ ރޭންކިންގެ އެއް ވަނަ އަށް އެރިއިރު މިއީ އެއް ވަނަ މަގާމަށް އެރި ހަތް ވަނަ ގައުމެވެ. މީގެ ކުރިން އެ ޝަރަފް ހޯދާފައި ވަނީ ބްރެޒިލް އާއި ފްރާންސާއި ޖަރުމަނާއި އިޓަލީ އަދި އާޖެންޓީނާ އާއި ސްޕެއިނެވެ.

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި ސްޕެއިން އޮތް އިރު ތިން ވަނައިގައި އޮތީ ޖަރުމަނެވެ. އިންގްލެންޑް ހަތަރު ވަނަ އަށް އެރި އިރު ފަސް ވަނައިގައި އޮތީ ދެކުނު އެމެރިކާގެ ޗެމްޕިއަން އުރުގުއޭ އެވެ. އެއް ވަނައިގައި އެންމެ ގިނަ ދުވަހު އޮތް ބްރެޒިލް ހަ ވަނަ އަށް ވެއްޓުނުއިރު ހަތް ވަނައިގައި އޮތީ އިޓަލީ އެވެ. އަށް ވަނަ މަގާމުގައި ޕޯޗުގަލަށް ލިބޭއިރު ނުވަ ވަނައިގައި އޮތް ގައުމަކީ އާޖެންޓީނާ އެވެ.