ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު، ޕީޓާ ސެގެޓްގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ފަރާތުން ބުނެފައި ވަނީ ޝާކިއްޓޭ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗާއި 27 ވަނަ ދުވަހުގެ ރޭ މާލޭގައި ކުޅޭ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ކަމަށެވެ.

އީގަލްސްގެ ކޯޗިން ސްޓާފެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ޝާކިއްޓޭ މަސައްކަތްކުރި އެވެ. އީގަލްސްގެ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގެ އިތުރުން އެ ކްލަބުގެ ޔޫތު ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް ޝާކިއްޓޭ މަސައްކަތްކުރި އެވެ.

މި ސީޒަން ފެށުމުގެ ކުރިން ޝާކިއްޓޭ ބުނެފައި ވަނީ އީގަލްސްގެ ކޯޗިން ޓީމުން މި ސީޒަންގައި ނުފެންނާނެ ކަމަށެވެ. އަދި އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން އައީ އެފްއޭއެމްގެ އެސިސްޓެންޓް ޓެކްނިކަލް ޑިރެކްޓަރު، އީގަލްސްގެ ކުރީ ކޯޗު، އިހުސާން އަބްދުލްޣަނީ (ސާންތި)ގެ ދަށުން ޔޫތު ޑެވަލޮޕްމަންޓްގެ މަސައްކަތްތަކުގަ އެވެ.

އެފްއޭއެމް އިން ބުނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ނަގީ ހެޑް ކޯޗު، ޕީޓާ ސެގަޓް ބޭނުންވާ މީހެއް ކަމަށާއި ޝާކިއްޓޭއަށް އެ މަގާމު ދިނުމުގައި އޭނާގެ ޕްރޮފައިލާއި އޭނާ ކުރިން ކޮށްފައިވާ މަސައްކަތަށް އެފްއޭއެމް އަދި ސެގަޓް ބަލައިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެ މެޗަށް ގައުމީ ޓީމުގެ ސްކޮޑު މިއަދު އިއުލާންކޮށްފައިވާ އިރު، ސީނިއާ ގިނަ ކުޅުންތެރިންތަކަކަށް ސްކޮޑުން ޖާގަ ގެއްލިފައިވެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ ޝާފިއު އަހުމަދު (ޝާފީ)އާއި އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން މުހައްމަދު ރަޝީދު (ހޮކޭ) އަދި މުހައްމަދު އާރިފް (ބަކާ) ހިމެނެ އެވެ.

މީގެ އިތުރުން ގައުމީ ޓީމުން އެންމެ އުންމީދީ ކުޅުންތެރިން ގޮތުގައި ފަހަކަށް އައިސް ފާހަގަކޮށްލެވުނު އަހުމަދު ރިޒުވާން (ރިޒޭ)އާއި ނާއިޒް ހަސަން (ދާދު)އަށް ވެސް ސެގަޓްގެ ޓީމުން ޖާގަ ދީފައެއް ނުވެ އެވެ.

އީގަލްސްއަށް ކުޅޭ އަހުމަދު ނޫމާނާ އޭނާގެ ކޮއްކޮ މުހައްމަދު ނާއިމްގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެމުންދާ ހުސައިން ނިހާން (ނިހާޓް)އަށް ވެސް ގައުމީ ޓީމުން ޖާގަ ލިބިފައިވާ އިރު، ކްލަބު ގްރީން ސްޓްރީޓްސްގެ ޒުވާން ކުޅުންތެރިޔާ އަބްދުﷲ ޔާމީނާއި ޓީސީގެ އައްޒާމް އަބްދުﷲ އަށް ވެސް ވަނީ ގައުމީ ޓީމުން ޖާގަ ދީފަ އެވެ.

ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗާ އެކު މިއަދު ޓީމުގެ ފުރަތަމަ ޕްރެކްޓިސް ކުރިއަށް ގެންގޮސްފައިވާ އިރު، ސިންގަޕޫރުގައި ކުޅޭ މެޗަށް މިރޭ ޓީމު ފުރާނެ އެވެ.