21 Mar 2018, 14:18
ކާބުލް (މާޗް 21): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއްދީ 26 މީހަކު މަރާލައިފި ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެހަމަލާ ދީފައި ވަނީ އީރާނުގެ އާ އަހަރު ފާހަގަ ކުރުމަށް ގިނަ އަދަދެއްގެ މީހުން އެއްވެފައިވާ ސަރަހައްދަކަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ޝީޢީން ކަމަށާއި، އެހަމަލާގައި 18 މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އަފްގާން އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެހަމަލާ ދީފައި ވަނީ ކާބުލް ޔުނިވާސިޓީ ކައިރީ ހުންނަ އަލީ އަބާދް ހޮސްޕިޓަލުގެ ބޭރުގައި އެވެ. އަދި އެސަރަހައްދުގައި ހުންނަ ކަރްތް އީ ޝާހީ ޝްރައިންއަށް މީގެ ކުރިންވެސް ހަމަލާ ދީފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި އަފްގާނިސްތާނުގައި ޝީޢީންނަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ އިތުރުވެފައި އެވެ. އޭގެ ތެރެއިން ގިނަ ހަމަލާތައް ދީފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ. (ރޮއިޓާސް)