ފަހަކަށް އައިސް ފައިސާއާ ގުޅޭ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު ވަރަށް ބޮޑަށް އިތުރު ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓާ މުހައްމަދު ރިޔާޒު ވިދާޅުވީ ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭ ފުލުހުންނަށް ހުށަހެޅުނު ފައިސާ އާ ބޭހޭ މައްސަލަތައް 25 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާ ނަގާ މައްސަލަތައް ގިނަ ކަމަށް ފުލުހުން ހާމަ ކުރެ އެވެ.

ރިޔާޒު ވިދާޅުވީ އަބަދުވެސް އަހަރު ނިމޭ ހިސާބަށް ދިއުމުން ކުއްޔަށް ތަންތަން ދިނުމުގައި މަކަރާއި ހީލަތް ހަދާ މިންވަރު ވެސް އިތުރުވާ ކަމަށެވެ. އެގޮތުން ނުވެސް ދަންނަ ތަންތަން މީސްމީހުންނަށް ކުއްޔަށް ދީގެން އެޑްވާންސަށް ރުފިޔާ ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ބައެއް ފަރާތްތަކުން އިމާރާތަށް ނުވަދެ އެޑްވާންސަށް ފައިސާ ދައްކައި ތަޅުދަނޑިއާ ހަވާލުވާ ކަމަށެވެ.

މި ގޮތަށް ނުދަންނަ ބައަކަށް އިތުބާރުކޮށްފައި ތަންތަން ކުއްޔަށް ނުހިފުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ތަނެއް ކުއްޔަށް ހިފާއިރު އެތަނެއް ރަނގަޅަށް ބަލައި ވެރިފަރާތާ ވާހަކަ ދެއްކުމަށް ފަހު ނޫނީ ފައިސާ ނުދެއްކުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.