26 May 2010, 10:38
14:30
މީހެއްގެ އެކައުންޓަކަށް ޖަމާކުރަން ހަވާލުކުރި 43،000 ޑޮލަރުގެ ޗެކެއް އަމިއްލަ އެކައުންޓަށް ޖަމާކުރުމަށްފަހު އެ ޑޮލަރުތައް ވިއްކާފައިވާ ކަމުގެ ކުށުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފަކު 25 އަހަރަށް އަރުވާލުމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފި އެވެ.
ޖިނާއީ ކޯޓުން އިއްޔެ ކޮށްފައިވާ އެ ހުކުމުގައި ވަނީ ނ. މިލަދޫ، ލައިފް/ މ. ފެހިފުނަ، މުހައްމަދު ނާފިޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހިޔާނާތުގެ ކުށުގެ ދައުވާ ޝަރީއަތުން ބެލިއިރު، ބީއެމްއެލްގެ ފައިނޭންސް ޑިޕާޓްމަންޓްގެ ޑޮލަރުގެ ހެޑް ކޭޝިއަރުގެ ވަޒީފާގައި ނާފިޒު އުޅެ، އިސްލާމީ އެހީތެރިކަމުގެ ގުޅުން (އިސްލާމީ ޗެރިޓީ އެސޯސިއޭޝަން) ގެ ނަމުގައި ބީއެމްއެލްގައި އޮންނަ އެކައުންޓެއްގެ ޗެކަކުން 43،000 އެމެރިކާ ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރަން ނާފިޒުގެ އަތަށް ދިނުމުން، އޭނާގެ ނަމުގައި ބީއެމްއެލްގައި އޮންނަ އެކައުންޓަކަށް އެފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ޑޮލަރުތައް ނާފިޒު ވިއްކާފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތުގައި ބުނެފައިވާތީ އާއި، އޭނާގެ އަތުން 12.85 ރުފިޔާގެ ރޭޓުން ޑޮލަރު ގަތް ކަމަށް ބީއެމްއެލްގެ ދެ މުވައްޒަފަކު ޝަރީއަތުގައި ބުނެފައިވާތީ، ހިޔާނާތްތެރިވުމުގެ ކުށުން ނާފިޒު ކުށްވެރިވެއްޖެ ކަމަށް ވެސް އެ ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ.
މިއީ މި ބާވަތުގެ ކުށެއް ނާފިޒުގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމުގައިވާތީ މި ކުށަށް އުޤޫބާތެއްގެ ގޮތުގައި ހަ މަސް ދުވަސް، އަދި ހިޔާނާތްތެރިވި ފައިސާއަކީ ޖުމްލަ އަދަދުގެ ދިހަ ހާސް ރުފިޔާއަށްވުރެ މަތީގެ އަދަދަކަށް ވާތީ ކޮންމެ ހާހަކަށް އެއް މަސް، އިތުރުކުރަންޖެހޭ ކަމަށް ޤާނޫނުލް އުޤޫބާތުގެ 132 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން، ނާފިޒު ހިޔާނަތްތެރިވި ފައިސާ ދިވެހި ރުފިޔާއަށް ބަދަލުކުރާއިރު ޖުމްލަ އަދަދަކީ ފަސް ލައްކަ ފަންސާސް ދެ ހާސް ފައްސަތޭކަ ފަންސާސް ރުފިޔާ ކަމުގައިވާތީ، އެމާއްދާގެ ދަށުން 46 އަހަރު ދުވަސް، މުޅި ޖުމްލަ 46 އަހަރާއި ހަ މަސް ދުވަސް ކަމުގައިވާއިރު، މިއަދަދު 25 އަހަރަށްވުރެ މަތިވާތީ، ޤާނޫނުލް އުޤޫބާތުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް 25 އަހަރުގެ ދުވަހުގެ މުއްދަތަށް މުހައްމަދު ނާފިޘު އަރުވާލުމަށް ކަނޑައެޅީ ކަމަށްވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.