މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުމަގު ތަރައްގީކުރާ މަސައްކަތް ކުރިޔަށް ގެންދާ އިރު، އެ މަގު ތަރައްގީކުރާ ގޮތް، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ވަނީ، އެ މަގު ތަރައްގީކުރާ ގޮތުގެ ނަމޫނާ ކުރެހުންތައް އާންމު ކުރައްވައިފަ އެވެ.

ރިންގް ރޯޑެއްގެ ގޮތަށް ބޮޑުތަކުރުފާނުމަގު ތަރައްގީކުރާ އިރު، އެ މަސައްކަތް ކުރަނީ ދެ ބައެއްގެ ގޮތުގަ އެވެ.

ފުރަތަމަ ބަޔަކީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ހިސާބަށް އޮންނަ ސަރަހައްދެވެ.

ދެވަނަ ބަޔަކީ ބްރިޖުން ފެށިގެން، ސަލްމާން ރަސްގެފާނު މިސްކިތާ ހަމައަށެވެ.

އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސަލްމާން ރަސްގެފާނު މިސްކިތާ ހަމައަށް ބޮޑުތަކުރުފާނުމަގު ތަރައްގީކުރަނީ ހަތަރު ލޭނު ހަދައިގެންނެވެ. އެއީ ކޮންމެ ކޮޅަކަށް ދުއްވާ ދެ ލޭނެވެ. އަދި މަގުގެ މެދު ފާހަގަކުރުމަށް ސިމެންތި ސްޓްރިޕެއް ލާނެ ކަމަށް އެ ކުރެހުންތަކުގައިވެ އެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ސަލްމާން ރަސްގެފާނު މިސްކިތާ ހަމައަށް، ބޮޑުތަކުރުފާނުމަގުގެ ދެ ފަރާތުގައި ގަސް އިންދުމަށް ވަނީ ހަމަޖެހިފައި ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން، ޖުމްލަ 450 އެއްހާ ގަސް އިންދާނެ ކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވި އެވެ.