21 Mar 2018, 14:36
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ހިންގާ އިމާރާތުގެ ޝީޓެއް ވެއްޓުމާ ގުޅިގެން އެ އިމާރާތް ތަޅާލާއި އާ އިމާރާތެއް ހަދަން ނިންމައިފިއެވެ.
ގައުމީ ޔުނިވާސިޓީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ ފައިސާ ހަމަޖެހުނުހާ އަވަހަށް އެ މަސައްކަތް ފަށާނެކަމަށެވެ.
"އެ އިމާރާތް ތަޅާލާފައި އާ އިމާރާތެއް ހަދަން އަޅުގަނޑުމެން ޕްލޭން ކޮށްފައިއޮތީ. ދެން އޮތީ އަޅުގަނޑުމެން ކުރެހުން ކުރަހާފައި އެއަށް ބޭނުންވާ އެޕްރޫވަލްއާ ފަންޑިން ލިބުން. 10 ބުރީގެ އާ އިމާރާތެއް ހަދާގޮތަށް ހަމަޖެހިފައި އޮތީ،" ފަވާޒު ވިދާޅުވިއެވެ.
އާ އިމާރާތް ހެދުމަށް ނިންމީ ޝީޓް ވެއްޓުހާދިސާއާ ނު ގުޅިގެން ނޫން ކަމަށާއި މީގެ ކުރިންވެސް އެސެސްމެންޓްތައް ހެދުމަށްފަހު އާ އިމާރާތެއް ހެދުމަށް ނިންމައިފައިވާ ކަމަށް ފަވާޒު ވިދާޅުވިއެވެ.
ފަވާޒު ވިދާޅުވީ ފެކަލްޓީ އޮފް އިނޖިނިއަރިން ހިންގަމުން އައި ސަލާހުއްދީން ބިލްޑިން އަކީ ވަރަށް ބާ އިމާރާތެއް ކަމަށާއި އެތަނަށް މިހާރު 35 އަހަރު ވެދާނެ ކަމަށެވެ. އެއީ ހަތަރު ބުރީގެ އިމާރާތެކެވެ.
އެ އިމާތާރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން އެސެސްމެންޓްތައް ހަދައި، މަރާމާތު ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝީޓް ވެއްޓުނީ އިމާރާތުގައި މަރާމާތުގެ މަސައްކަތެއް ކުރަމުންދަނިކޮށް ކަމަށެވެ.