21 Mar 2018, 12:12
ބްރެޒިލްގެ ތަރި ނޭމާއާ އެއްޓީމަކަށް ކުޅެލުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށް ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.
ޔުވެންޓަސްއަށް ކުޅުމަށް ފަހު ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ އޭރުގެ ރެކޯޑު އަގެއްގަ އެވެ. އޭނާގެ ޓްރާންސްފާ ރެކޯޑު ޕީއެސްޖީން މުގުރާލީ ބާސާއިން ނޭމާ ގެންދިއުމަށެވެ. އޭގެ ފަހުން ޕީއެސްޖީން އެމްބާޕޭ ވެސް ގެންދިޔައީ ޕޮގްބާއަށް ވުރެ ބޮޑު އަގެއްގަ އެވެ. ބާސާއިން ފިލިޕް ކުޓީނިއޯ ގެންދިޔައީ ވެސް ޕޮގްބާއަށް ވުރެ ބޮޑު އަގެއްގަ އެވެ.
މިހާތަނަށް ސީޒަންގައި ކުޅުނު މެޗުތަކުގައި މޮޅަށް ކުޅުނު ނޭމާ މިވަގުތު ހުރީ އަނިޔާގަ އެވެ. އޭނާ އެނބުރި ދަނޑު މައްޗަށް އަންނާނެ ކަމަށް ބެލެވެނީ ޖޫން މަހު އޮންނަ ވޯލްޑް ކަޕަކަށެވެ.
އާޖެންޓީނާގެ ޓީވީ ޗެނަލަކަށް ވާހަކަ ދައްކަމުން ޕޮގްބާ ބުނީ ނޭމާއަކީ ފުޓުބޯޅައިގައި މުޅިން ތަފާތު ހުނަރަކާ އެކު ދަނޑު މައްޗަށް ހާއްސަ އުފާވެރިކަމެއް ގެނުވާ ކުޅުންތެރިއެއް ކަމަށެވެ.
އުފަން ރަށް ބްރެޒިލަކީ ފުޓުބޯޅައިގެން މާނަ ފުންކޮށް ގެނެސްދޭ ގައުމެއް ކަމަށާއި އެ ގައުމުގެ އެންމެންނަކީ ފުޓުބޯޅައަށް ލޯބިކުރާ ބައެއް ކަމަށް ވެސް ޕޮގްބާ ފާހަގަކުރި އެވެ. ފުޓުބޯޅައިގެ ލޯބި ބްރެޒިލްގައި ގަދަވުމުން، ބްރެޒިލުން ފެންނަ ކުޅުންތެރިންގެ ފަރާތުން ފެންނަ ސްޓައިލް ތަފާތު ކަމަށާއި ނޭމާއަކީ ވަކިން ތަފާތު ބޮޑު ކުޅުންތެރިއެއް ކަމަށް ވެސް ޕޮގްބާ ބުންޏެވެ.
ޕޮގްބާ ބުނީ ނޭމާގެ ހުނަރަކީ މުޅި ދުނިޔޭގެ އެންމެނަށް ވެސް މަޝްހޫރު ހުނަރެއް ކަމަށާއި އެ ލެވެލްގެ ކުޅުންތެރިއަކާ އެކު އެއް ޓީމަކަށް ކުޅެލުމަކީ ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށެވެ.
މީގެ އިތުރުން ވެސް ޕޮގްބާ ބުނީ އޭނާގެ ހުނަރު ތަރައްގީ ކުރުމަށް ދުނިޔޭގައި މިވަގުތު ކުޅޭ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ކުޅުން ބަލާ ކަމަށެވެ. އެ މިޑްފީލްޑަރުންގެ ގޮތުގައި ޕޮގްބާ ފާހަގަކުރީ، ޔާޔާ ޓޯރޭއާއި އިނިއެސްޓާގެ އިތުރުން ކެވިން ޑިބްރޭނާއާއި ރެއާލް މެޑްރިޑްގެ ލޫކާ މޮޑްރިޗެވެ.
ޕޮގްބާ ނޭމާއާ އެއްޓީމަކަށް ކުޅޭނެ ކަމަށް ބުނެފައި ވަނީ ޔުނައިޓެޑާ އޭނާއާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. ފްރާންސްގެ ކޯޗު، ޑީޑިއޯ ޑިޝޯމްޕް ވެސް ބުނެފައި ވަނީ ޔުނައިޓެޑްގައި ޕޮގްބާ ހުރީ އުފަލުން ނޫން ކަމަށެވެ.