25 Aug 2011, 17:39
ވަގު ޗެކެއް ބޭނުންކޮށްގެން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރެއްގެ އެކައުންޓަކުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މިއަދު ވިދާޅުވީ ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކުން، ވަގު ޗެކެއް ހަދައިގެން 971460 ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންނަކީ ލ. މާބައިދޫ ކަނީރުވިލާ މުހައްމަދު ހަސަނާއި އދ. މާމިގިލި ލިވަޕޫލް އަހުމަދު ނަބީހާއި މ. ސީނުކަރަންކާގެއާގެ އިބްރާހިމް ހަސަން ރަޝީދުގެ އިތުރުން ތ. ތިމަރަފުށި ބުރެވިމާގެ އިސްމާއިލް މުހައްމަދެވެ.
ނަމަވެސް ތަހުގީގު ނިންމުމަށް ފަހު ހަސަން ފިޔަވައި ދެން ތިބި ތިން މީހުން ހައްޔަރުގައި ބައިތިއްބާނެ ތަނެއް ނުފެންނަ ކަމަށް ކޯޓުން އަމުރު ކުރުމުން ދޫކޮށްލާފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ވަގު ޗެކު ހިފައިގެން ބޭންކަށް ދިޔައީ ހަސަން ކަމަށާއި އަދި އެ ޗެކަކީ ބޭންކުން ދޫކުރާ އޮރިޖިނަލް ޗެކްތަކާ އެއްގޮތަށް ސެކިއުރިޓީ ފީޗާސްތައް ފުރިހަމަ އަށް ހުރި ޗެކެއް ކަމަށެވެ.
ނޫސްވެރިންނަށް މިއަދު ދައްކާލި ވަގު ޗެކްގައި ސޮއި ކޮށްފައި ވަނީ ވެސް ވެރިފަރާތުގެ ސޮޔާ އެއްގޮތަށެވެ. އަދި ޗެކްގައި ވޯޓާ މާކް ވެސް ފެންނަން ހުއްޓުވެ.
ނަމަވެސް ބޭންކުން ޗެކްތައް ޕްރިންޓްކޮށްފައި ހުންނަ ފެންވަރަށް ވުރެ ވަގު ޗެކް ޕްރިންޓްކޮށްފައި ހުރި ފެންވަރު ދަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި ޗެކްގެ މަތީގައި ތާރީހް ޖަހަން ހުންނަ ބައިގެ ފޮންޓް ވެސް ތަފާތު ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ވަގު ޗެކަކުން ފައިސާ ނެގި މީހުންނަކީ އެކައުންޓްގެ ވެރިފަރާތާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން ކަމަށެވެ. އަދި އެމީހުންނަށް އެކައުންޓްގެ ވެރިފަރާތުގެ ސޮޔާ އާއި އެކައުންޓްގައި ފައިސާ ހުރި ވަރު އެނގިފައި ވަނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބޭންކްގެ އެއްވެސް މުވައްޒަފަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި ނަމަވެސް ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަމުން އަންނަ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ވަގު ޗެކުން ފައިސާ ނަގާފައި ވަނީ މަޖީދީމަގު ބުރާންޗުން ނެވެ. ވިޔަފާރި ވެރިއަކު ހުޅުވާފައިވާ އެ އެކައުންޓުން ފައިސާ މަދުވެފައިވާ ކަން އެނގުނީ ފައިސާ ޖަމާކުރަން ދިއުމުންނެވެ.
ފަހަކަށް އައިސް މީހުންގެ ކޭޝް ކާޑުތަކާއި ޗެކްތައް ބޭނުން ކޮށްގެން ވައްކަން ކުރާ މިންވަރު އިތުރު ވެފައިވާތީ ވީހާ ވެސް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޗެކްތަކުގައި ކުރާ ސޮއިތަކާއި އެކައުންޓުގައި ފައިސާ ހުންނަވަރު މީހުންނަށް ބުނެ ނުދިނުމަށާއި ކާޑުގެ ޕިން ނަމްބަރު މީހުންނަށް ނުދިނުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.