21 Mar 2018, 11:38
ނޭޕީޑޯ (މާޗް 21): މިޔަންމާގެ ރައީސް ޓިން ޗޯ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ދެހާސް ސޯޅަވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޓިން ޗޯ މިއަދު އިސްތިއުފާ ދެއްވީ އޭނާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައިއެވެ.
އެގައުމުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޓިން ޗޯ އިސްތިއުފާ ދެއްވީ "އަރާމު ކުރައްވަން" ބޭނުންފުޅުވާތީއެވެ. އަދި އެބަޔާނުގައި ވަނީ ރައީސްގެ މަގާމު ދެން ފުރުއްވާނީ ނައިބު ރައީސް މަޔަންޓް ސުވޭ ކަމަށާއި ކުރިއަށް އޮތް ހަތް ދުވަސް ތެރޭ އާ ރައީސަކު އައްޔަން ކުރާނެ ކަމަށް ބުނެފައި އެވެ.
މިޔަންމާގެ ސްޓޭޓް ކައުންސިލަރު އަންގް ސަން ސޫޗީގެ އަރިސް ފަރާތެއް ކަމަށްވާ ޓިން ޗޯ ރައީސް ކަމަށް ވަޑައިގެންނެވީ ސޫޗީއަށް ރައީސްކަން ނުކުރެވޭ ގޮތަށް އެގައުމުގައި މީގެ ކުރިން އޮތް އަސްކަރީ ސަރުކާރުން ގާނޫނު އަސާސީ ބަދަލު ކުރުމުންނެވެ.
ގާނޫނު އަސާސީއަށް ގެނައި ބަދަލުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެއެވެ. ސޫޗީގެ ނިޔާވެފައިވާ ފިރިމީހާއަކީ އިނގިރޭސި ރައްޔިތެކެވެ. އަދި އެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރިންނަކީ ވެސް އިނގިރޭސި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދެ މީހުންނެވެ.
ސޫޗީއަށް ރައީސްގެ މަގާމު ނުލިބުނު ނަމަވެސް އޭނާ ގެންދަވަނީ ގައުމުގެ ސްޓޭޓް ކައުންސިލަރުގެ މަގާމު ފުރުއްވަމުންނެވެ. ސްޓޭޓް ކައުންސިލަރަކީ އެގައުމުގެ ސަރުކާރުގެ އިސްވެރިޔާ ނުވަތަ ހެޑް އޮފް ސްޓޭޓެވެ. އެއީ ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ފެންވަރުގެ މަގާމެކެވެ.
ސޫޗީގެ ސަރުކާރުން މިޔަންމާގެ ވެރިކަމަށް އައީ ބައިނަލްއަގުވާމީ ތާއިދާއެކު ނަމަވެސް މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ފެށި އަނިޔާވެރި އޮޕަރޭޝަނަކާ ގުޅިގެން ސޫޗީއަށް ވަނީ ބޭރު ގައުމުތަކުން ފާޑު ކިޔުންތައް އަމާޒުވެފައެވެ.
(ބީބީސީ)