21 Mar 2018, 11:23
ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލުކުރައްވައި ދޫނިދޫ ގޮޅިތަކާ ގުޅޭ ކަންބޮޑުވުންތައް އިދިކޮޅު ފަރާތްތަކުން ހިއްސާ ކުރައްވައިފިއެވެ.
އިއްޔެ ހޯމް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމަށްފަހު މީޑީއާއަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ދޫނިދޫ ގޮޅިތަކުގެ ހާލަތު ގޯސްވެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް މިނިސްޓްރު އަޒްލީނާ ހިއްސާ ކުރެއްވި ކަމަށެވެ. އެގޮތުން ދޫނިދޫ ގޮޅިން ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މިނިސްޓަރު ވިދާޅުވީ އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށް،" ދެ ގަޑި އިރެއްހާ އިރުވަންދެން ކުރިއަށްދިޔަ ބައްދަލުވުމާ ގުޅޭ ގޮތުން ރޮޒައިނާ ވިދާޅުވިއެވެ.
ދޫނިދޫ ގޮޅިތަކުންް ސާފު ބޯފެން ނުލިބޭ ކަމުގެ ޝަކުވާ އާއި ފޯރުކޮށްދޭ ފެން އެންމެ އެކަށޭނެ ގޮތުގައި ފޯރުކޮށް ނުދިނުމުގެ ކަންބޮޑުވުންވެސް މިނިސްޓަރު އަޒްލީނާ ހިއްސާކުރައްވާފައިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ބަންދުގައި ތިބޭ މީހުންނާ މެދު ފުލުހުން އަމަލުކުރާ ގޮތުގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފުލުހުން ރައްޔިތުންނާ މެދު އަމަލު ކުރާ ގޮތާއ މެދު ހުރި ކަންބޮޑުވުންތައްވެސް ހިއްސާކުރިން. އެކަންކަން ނޯޓް ކުރައްވައި ހައްލު ހޯދަން މަސައްކަތްކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި،" ރޮޒައިނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ.