21 Mar 2018, 11:14
ޕެރިސް (މާޗް 21): ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރު ގައްޒާފީގެ އަތްޕުޅުން ރިޔާސީ ކެމްޕެއިނަށް ފައިސާ ހޯއްދެވި ކަމުގެ ތުހުމަތުގައި ފްރާންސުގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ހައްޔަރުކޮށްފި އެވެ.
ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ބަލަމުން އަންނަ އެމައްސަލައަށް ކުރިއެރުމެއް ލިބުނީ ފަސް މިލިއަން ޔޫރޯ އޮތް ސޫޓްކޭސްއެއް، 2007 ވަނަ އަހަރު ލުބުނާނުން ސާކޯޒީއަށް ގެންގޮސްދިން ކަމަށް ފްރާންސުގެ ވިޔަފާރިވެރިއަކު ބުނުމުންނެވެ.
އެމައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި 2007 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ގައްޒާފީ ވަނީ ސާކޯޒީއަށް 50 މިލިއަން ޔޫރޯ ދެއްވާފައި އެވެ. އެއީ ބޭރު ގައުމުތަކުން ފްރާންސުގެ ރިޔާސީ ކެނޑިޑޭޓުންނަށް ފަންޑު ކުރުމާ ބެހޭ ގާނޫނުތަކާ ހިލާފަށް ދިން ފައިސާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ދެހާސްބާރަ ވަނަ އަހަރާ ޖެހެންދެން ވެރިކަން ކުރެއްވި ސާކޯޒީ އާއި ގައްޒާފީއާ ދެމެދު ފުރަތަމަ އޮތީ ގާތް ގުޅުމެކެވެ. އަދި ސާކޯޒީ ވެރިކަމަށް ވަޑައިގެންނެވި އަހަރު ގައްޒާފީ ވަނީ ފްރާންސަށް ވަޑައިގެން އޭނާއާ ބައްދަލު ކުރައްވާފައި އެވެ. ނަމަވެސް 2011 ވަނަ އަހަރު ގައްޒާފީގެ ސަރުކާރު ވައްޓާލުމުގައި ނޭޓޯގެ ގައުމުތަކާއެކު ފްރާންސުން ވަނީ އިސް ދައުރެއް އަދާކޮށްފައި އެވެ. (އޭޕީ)