21 Mar 2018, 09:30
އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި ރޯވެ އަނދައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 2:00 އެހާކަންހާއިރު ކަމަށާއި އެ ހިސާބުގައި ސިފައިން ހަރަކާތްތެރިވެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ރަށު ދިރާމުލި ގޭގެ ގޯތި ތެރޭގައި ޕާކް ކޮށްފައި އޮތް ކާރެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ގޯތިތެރޭގައި ޕާކް ކޮށްފައި ހުރި ސައިކަލަކަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައި ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.