25 Aug 2011, 17:15
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލަމުން ދިޔަ ދެ މީހެއްގެ މައުލޫމާތު ފުލުހުން މިއަދު އާންމު ކޮށްފި އެވެ.
އޭގެ ތެރޭ ހިމެނޭ އެކަކަކީ ޚިޔާނާތުގެ މައްސަލައެއްގައި 30 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސް ފަރުވާ އަށް މާލެ ގެނައި މ. ލަންސިމޫގެއާގޭ އިބްރާހިމް ރަޝީދެވެ. އޭނާ އަދިވެސް ހުރީ ގޭބަންދު ގައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓާ މުހައްމަދު ރިޔާޒު ވިދާޅުވީ މީހުންނަށް ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ އިބްރާހިމް ރަޝީދު އެކި މީސްމީހުންގެ އަތުން ހަ ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ވަނީ ޚިޔާނާތާ ގުޅޭ ތަފާތު ތިން މައްސަލަ އެއް ހުށަހަޅާފަ އެވެ.
މީގެ އިތުރުން ވެސް ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ދޭސީންނާއި ބިދޭސީންގެ އަތުން ބޮޑު އަދަދުތަކަކުން ލާރި ހޯދަމުން ދިޔަ ތ. ގާދިއްފުށި އަންނާރުމާގޭ، އަދުނާން އިބްރާހިމް ފުލުހުން މިހާރު އަންނަނީ ހޯދަމުންނެވެ. އޭނާގެ މައްޗަށް ފަސް މައްސަލަ އެއް ހުށަހެޅިފައި ވާއިރު ތިން މައްސަލަ އެއްގެ ތަހުގީގު ނިންމާ ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އަދި އެ ފަސް މައްސަލައަކީ ވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް ހުށަހެޅިފައި ހުރި މައްސަލަތައް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކި މީހުންގެ އަތުން އަދުނާނު 41،700ރ. އަތުލާފައިވާ ކަމަށެވެ. އަދި އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ މީހަކު ފުލުހުންނަށް އެންގުމަށް ވެސް އެދެ އެވެ.
ފުލުހުން ބުނީ އަދުނާނު މީހުންގެ އަތުން ފައިސާ ހޯދާފައި ވަނީ ތަފާތު އުސް އިމާރާތްތައް ކައިރި އަށް މީހުން ގެންގޮސްގެން ކަމަށެވެ. އަދި އެމީހުންގެ އަތުން ފައިސާ އަތުލުމަށް ފަހު ޑޮލަރު ގެނެސްދޭނެ ކަމަށް ބުނެ، އެގޭގެ މައްޗަށް އަރައި، ޑޮލަރު ބަލައިދާ މީހާ އެގޭގެ މައްޗަށް އެރުވުމަށް ފަހު ފިލާ ކަމަށެވެ. އަދި އެމީހާ އަށް ދީފައި އޮންނަ ނަމްބަރު ފަހުން ނުގުޅޭ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ގިނަ މީހުން ގާތު ޑޮލަރު ބަލާ އަންނަން މި ބުނަނީ ދިހަ ބުރިއަށް އަށް ބުރި އަށް ނަގާފައި ހުންނަ ގެތަކުގެ ކައިރިއަށް. ފައިސާ އަތުލާފައި ޑޮލަރު ގެނެސްދެނީ އޭ ކިޔާ މައްޗަށް އަރާފައި ޑޮލަރު ބަލައި އައިސް ހުންނަ މީހާ އަށް މި ގުޅަނީ މައްޗަށް އަރާށޭ ބުނެ. ގިނަ މީހުން އެފަދަ ގޭގެ އަށް މިއަރަނީ ލިފްޓުން. ޑޮލަރު ހޯދަން ދާ މީހާ ލިފްޓުން އެރީމަ އަނެއް މީހާ ޑޮލަރު ކޮޅު ހިފައިގެން ސިޑިން ފައިބައިގެން މި ފިލަނީ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ގިނަ ފަހަރު މުޢާމަލާތް ކުރާ އިރު އެއްވެސް ކަހަލަ ލިޔެކިއުމެއް ނުހުންނާތީ މައްސަލަ ތަހުގީގު ކުރަން އުނދަގޫވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ތުހުމަތަށް ހާޒިރު ކުރާ ގިނަ މީހުން އެކަމަށް އެއްބަސް ނުވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ބައެއް ފަހަރު އެބަ ބުނޭ ހައްޔަރުކޮށްގެން ގެނައިމަ ތިމަންނަ ދަންނަ މީހެއް ނޫނޭ. އޭނަ އަކަށް ޑޮލަރެއް ނުވިއްކަމޭ. އެހެންވީމަ ސާބިތު ކުރަން އުނދަގޫވޭ،" ރިޔާޒު ވިދާޅުވި އެވެ.