ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފިލްމު 'ބާރަތު'ގެ އަންހެން ލީޑަކަށް ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ބާރަތުގެ ރޯލު ޕްރިޔަންކާ އަށް މިހާރު ވަނީ ހުށައަޅާފައިވާ ކަމަށާއި ފިލްމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޑައިރެކްޓަރާ އޭނާ އާ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

ސަލްމާން ހާން އާ އެކީ ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު މިއީ އޭނާ ޒަފަރު އާ އެކުގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ޒަފަރުގެ 'ޓައިގާ ޒިންދާ ހޭ' އަދި 'ސުލްތާން'ގައި ސަލްމާން ވަނީ ލީޑު ރޯލުން ފެނިގެން ގޮސްފަ އެވެ.

'ބާރަތު' އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު 'އޯޑް ޓު މައި ފާދާ' ގެ އެޑަޕްޓޭޝަނެކެވެ.

ފިލްމުގެ ޝޫޓިން ލަންޑަންގައި ފަށާފައިވާ އިރު، އަބޫ ދާބީ، ސްޕެއިން، ޕަންޖާބް އަދި ނިއު ދިއްލީގައި ފިލްމުގެ އިތުރު މަންޒަރުތައް ނަގާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު ޢީދާއި ދިމާކޮށެވެ.