ކްލަބު އެމްޓީސީސީއާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓާ ގުޅިގެން ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުޒުކީ މެރިން ވިލި މުއައްސަސާ ކަޕް 2018ގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ބިދަބިން ބޮޑުބެރު ގްރޫޕް ހަމަޖައްސައިފިއެވެ.

އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ބިދަބިން ބޮޑުބެރު ގްރޫޕް ހަމަޖެއްސުމަށްޓަކައި އިއްޔެ ހަވީރު ވިލިމާލެ ފެރީ ޔުނިޓް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ބިދަބިންގެ ވެރިޔާ މުހައްމަދު އާސިމާއި ވިލި މުއައްސަސާ ކަޕް މުބާރާތުގެ ކޮމިޓީ މެމްބަރު އިސްމާއިލް ނާފިޒް ސައީދެވެ.

ވިލި މުއައްސަސާ ކަޕް ފުޓްސަލް މުބާރާތުގެ އެންޓަޓެއިންމަންޓް ޕާޓްނަރަކަށް ހަމަޖެއްސި ބިދަބިންއަކީ ރާއްޖޭގެ އެންމެ މަގުބޫލު ބޮޑުބެރު ގްރޫޕުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގްރޫޕެކެވެ. ބިދަބިން ބޮޑުބެރު ގްރޫޕަކީ ޓީވީއެމް ބޮޑުބެރު ޗެލެންޖް 2014ގެ ރަނަރަޕެވެ.

މުބާރާތުގެ ކޮމިޓީ ޗެއާމަން އަދި އެމްޓީސީ ވިލިމާލެ ފެރީ ޔުނިޓުގެ އޮޕަރޭޝަންސް އޮފިސަރު އަހްމަދު ޖިނާހު (ޖިނާ) 'ސަން ސްޕޯޓްސް'އަށް ވިދާޅުވީ ބިދަބިން ފަދަ ވަރުގަދަ ބޮޑުބެރު ގްރޫޕެއް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހުމުން ވަރަށް އުފާކުރާ ކަމަށާއި، މުބާރާތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ޕާޓްނަރުންތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ ނިޔަލަށެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވުމާއެކު މުބާރާތުގެ ހުރިހާ މުއުލޫމާތެއް ހިއްސާކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރުވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ.