21 Mar 2018, 00:36
ބިދޭސީ ފޯވާޑް ރޮލެންޑް ރަސަލް ބިލާލާ ކާމިޔާބުކުރި ހަތަރު ލަނޑާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ކްލަބު ގްރީން ސްޓްރީޓްސްއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު އެސްޓީއޯ މާލޭ ލީގު މެޗުގައި ޔޫވީ އަތުން ގްރީން ކުރި ހޯދާފައިވަނީ 5-0ގެ ނަތީޖާއަކުންނެވެ.
މާލޭ ލީގުގައި ގްރީންއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 5-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގައި ޔޫވީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ހާފުގެ ތެރޭގައި އެޓީމުގެ ބިދޭސީ ފޯވަޑް ސެމިއުލް ކޯޑެލް ޑެވޯންއަށް އަނިޔާވުމާ ގުޅިގެންނެވެ.
ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ތެރެއިން ޔޫވީގެ ހައިޝަމް އަރީފާއި ގްރީންގެ އިބްރާހިމް ރިޒުހާންއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔޫވީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ޔޫވީގެ ބިދޭސީ ކުޅުންތެރިޔާ ރަފީނިއާ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގްރީން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މާލޭ ލީގުގައި ގްރީންއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 5-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޔޫވީން ރަނގަޅަށް ކުޅެމުން ދަނިކޮށް، މެޗުގެ 60 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މުހައްމަދު ރިސްވާން (ފުކޭ) ދިން ބޯޅައަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮލެންޑެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ގްރީނުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ރިޒުހާން ދިން ބޯޅައަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ރޮލެންޑެވެ. ފުރަތަމަ ލަނޑެކޭ އެއްގޮތަށް ރޮލެންޑް، އެ ލަނޑު ކާމިޔާބުކުރި އިރުވެސް ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
ދެވަނަ ލަނޑުޖަހިތާ ފަސް މިނެޓުތެރޭ ރޮލެންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރިޒުހާން ދިން ބޯޅައަކުން ޔޫވީގެ ގޯލް ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ. އެ ތިން ލަނޑު ކާމިޔާބުކުރި އިރުވެސް ރޮލެންޑަށް ޔޫވީގެ ޑިފެންޑަރުންގެ ފަރާތުން އުނދަގުލަކާ ކުރިމަތިވެފައެއް ނުވެއެވެ.
މާލޭ ލީގުގައި ގްރީންއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން މޮޅުވީ 5-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގައި ގްރީނުން ކާމިޔާބުކުރި ފަހު ދެ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ގްރީނުގެ ހަތަރުވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފުރަތަމަ ތިން ލަނޑުވެސް ޖެހި ރޮލެންޑް ކާމިޔާބުކޮށްދިން އިރު، ގްރީންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އިބްރާހިމް ސަފްރާޒެވެ.
އެ ނަތީޖާއާއެކު ގްރީން ވަނީ މާލޭ ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. ކުޅުނު ހަތަރު މެޗުން ގްރީނަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، މިރޭގެ މެޗުން ބަލިވި ޔޫވީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.
މާލޭ ލީގުގެ ކުޅުން ދެން ފެށޭނީ ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ބައިނަލްއަގުވާމީ ދެ މެޗަށްފަހު، އަންނަ މަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ އިރު، އެ ދުވަހުގެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.