21 Mar 2018, 00:16
ތާރު އެޅުމުގެ މަސައްކަތް ކުރުމަށް، ބޮޑުތަކުރުފާނު މަގުގައި ހުރި ގިނަ ގާޑިޔާތަކެއް ކާނިވާ ސަރަހައްދަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ރޯޑް ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން މާލޭ ރިންގު ރޯޑުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާތީވެ މިއަދުން ފެށިގެން ބޭރު މަގުގައި ހުރި 37 ގާޑިޔަލެއް ހަތަރު ސަރަހައްދަކަށް ވަގުތީގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އޭގެ ތެރެއިން 18 ގާޑިޔަލެއް ކާނިވާ ސަރަހައްދަށް ބަދަލުކުރިއިރު، މަސްވެރިންގެ މައިދާނަށާއި އާ ސަހަރާ ފުރަގަހަށް އަށް ގާޑިޔަލެއް ބަދަލުކޮށް ވެސްޓް ޕާކް އަދި އެސްޓީއޯ ހެޑް އޮފީސް ދެމެދުގައިވާ ގޯޅިއަށް ތިން ގާޑިޔަލެއް ވަނީ ބަދަލުކޮށްފައެވެ.
އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، ބުރިޖުން ފެށިގެން އާޓިފިޝަލް ބީޗުގެ އުތުރުކޮޅާ ހަމައަށް އޮތް މަގުގެ ބައިވެސް ފުޅާކޮށް، ތާރު އަޅައިގެން ހަދަން ނިންމާފައިވާ ކަމަށާއި ބްރިޖު ނިމެން ވާއިރަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ.