ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މާކެޓުކުރުމުގައި އެންމެ ކުރީގައި އުޅެނީ މަޓާޓޯ ކަމަށާއި، މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ޑެސްޓިނޭޝަން މާކެޓިންގް ބޮޑީއަކީވެސް މަޓާޓޯކަމަށް އެޖަމިއްޔާގެ ރައީސް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ހަތްވަނަ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް އިފްތިތާހުކުރުމަށް ކޮކޯ ބޮޑު ހިތި ރިސޯޓުގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ، މަޓާޓޯ އުފެދުމަށްފަހު މިވީ 12 އަހަރުގެ ތެރޭގައި އެޖަމިއްޔާ ވަރަށް ބޮޑަށް ތަރައްގީވެ، ބޮޑުވެފައިވާ ކަމަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މަޓާޓޯއިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، އެޑްވޮކެސީއާއި ޓްރެއިނިންގްތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް ޓްރޭޑް ފެއާތަކުގައި ބައިވެރިވުމާއި، ސަރުކާރުގައި ލޮބީކުރުމާއި އެވޯޑު ހަފްލާތައް ބޭއްވުމުގެ އިތުރުން ޕަބްލިކޭޝަންތައް ނެރުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

މަޓާޓޯގެ ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ 14 ގައުމެއްގައި ބޭއްވި ގިނަ އަދަދެއްގެ ފެއާތަކެއްގައި އެޖަމިއްޔާއިން ބައިވެރިވެ، އަދި ބައެއް އިވެންޓްތައް ހޯސްޓުވެސް ކޮށްފައިވާނެއެވެ.

"މިދިޔަ އަހަރުގެ ތެރޭގައި ރެކޯޑު އަދަދެއްގެ ހަރަކާތްތަކުގައި ބައިވެރިވިން، މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި ހަ ގައުމެއްގައި މަޓާޓޯގެ ޑެސްޓިނޭޝަން ސްޓޭންޑުތަކާއި ރޯޑްޝޯތައް ހޯސްޓުކުރިން،" ގިޔާސް ވިދާޅުވިއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ލޯންޗުކުރުމަށް ކޮކޯ ބޮޑު ހިތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގިޔާސް ވިދާޅުވީ މިދިޔަ މަދު އަހަރުތަކުގައި މަޓާޓޯ މަޝްހޫރުވެފައިވަނީ އެޖަމިއްޔާއިން ދޭ ޓްރެވަލް އެވޯޑްސްގެ ސަބަބުން ކަމަށާއި، ނަމަވެސް މިއަދު އެކަން ބަދަލުވެފައިވާ ކަމަށެވެ.

"މިއަދު އެ ރޮނގުވެސް ހުރަސްކޮށް، މަޓާޓޯއަކީ ރާއްޖޭގެ އެންމެ ބޮޑު ޑެސްޓިނޭޝަން މާކެޓިންގް ބޮޑީއަށް ވެއްޖެ،" ގިޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އިވެންޓަށް ވެއްޖެ ކަމަށާއި، އެ އެވޯޑްސްއަކީ ރިސޯޓުތަކާޢި، ހޮޓެލްތަކާއި، ލިވްއަބޯޑުތަކާއި ގެސްޓްހައުސްތަކުގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް އުފެދިފައިވާ ވަރުގަދަ ޕްލެޓްފޯމެއް ކަމަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގިޔާސް ވިދާޅުވީ މީހުންނާއި ހުނަރު ބިނާކުރުމަށް މަޓާޓޯއިން މިހާރު ވަރަށް އިސްކަން ދެމުން ގެންދާ ކަމަށާއި، މިދިޔަ އަހަރުގެ ތެރޭގައި ބޭރު ގައުމުތަކުން ތަޖުރިބާކާރުން ގެނެސްގެން އަށް ޓްރެއިނިންގް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވާނެ ކަމަށެވެ.

"މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޓްރެއިނިންގްތައް ވެސް އިތުރުކުރަން،"

މިއަހަރު ބާއްވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.