25 Aug 2011, 16:57
އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓަށް މި އަހަރު ހަތް މިލިޔަން ރުފިޔާ އިތުރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޝްވަރާކޮށްފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިތުރު ހަތް މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ބުނެ އެ ބަޖެޓް ހޯދުމަށް މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޮމިޓީގައި އިއްޔެ ކުރިއަށްދިޔަ ބަހުސްގައި ގިނަ މެންބަރުން ވިދާޅުވީ، އޮޑިޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތަކަށް ބަޖެޓް އިތުރު ކޮށްދިނުން މުހިއްމު ކަމަށެވެ.
ނަމަވެސް އަހަރުގެ މިހާހިސާބުން އެހާ ގިނަ ފައިސާ ބަޖެޓަށް އިތުރު ކުރާއިރު، އެކަމަށް ފައިސާ ހޯދާނެ ތަންތަނާ މެދު ވިސްނަންޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އަހަރުގެ މިހާތަނަށް އައިއިރު ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން އިތުރަށް ފައިސާ ދޫލުރެވެން ނެތްކަމަށް ފިނޭސް މިނިސްޓަރު އަހްމަދު އިނާޒް ވިދާޅުވެފައިވާތީ، އެ ފައިސާ ހޯދޭނެ ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އިއްޔެގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބަޖެޓް ދިނުމާ ބެހޭ ގޮތުން ހުށަހެޅުންތަކެއް ވެސް ބައެއް މެންބަރުން ހުށަހެޅުއްވި އެވެ. އެގޮތުން މިނިވަން މުއައްސަސާތަކަށް މި އަހަރު ދޫކޮށްފައިވާ ބަޖެޓް ހަރަދުކޮށްފައިވާ ގޮތް ބަލައި އެ މުއައްސަސާތަކުގެ ބަޖެޓުގައި ބާކީ ހުރި ފައިސާ އިން އޮޑިޓް އޮފީހަށް ބަޖެޓް ދިނުމަށާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބަޖެޓް ބޭނުން ވަނީ ކޮންކަންތައްތަކެއް ކުރުމަށްތޯ ބަލައި އެކަންތައްތަކުގެ ތެރެއިން އަންނަ އަހަރަށް ލަސްކޮށްލެވެން ހުރި ކަންތައް ލަސްކޮށްލުމަށް ވެސް ބައެއް މެންބަރުން ހުށަހެޅުއްވި އެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ބަޖެޓް ހޯދުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެތަނުގެ 22 މުވައްޒަފަކު ރިޑެންޑެންޓް ކުރުމަށް ބޭނުންވާ 2.5 މިލިޔަން ރުފިޔާ ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން އެ އޮފީހުގެ މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ކުރުމަށާއި އޮޑިޓްގެ މަސައްކަތްތައް ކުރުމަށް އަތޮޅުތަކަށް ދަތުރު ކުރުމަށް ބޭނުންވާ ފައިސާ ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ނާޒިމު ވިދާޅުވި އެވެ.