އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރު މިއަދު ފަށައިފައިވާއިރު، ޒޯން ފަހެއްގައި މިއަދު ކުޅުނު މެޗު ފ. އަތޮޅުގެ ޗެމްޕިއަން ނިލަންދޫން ކާމިޔާބުކޮށްފިއެވެ.

ޒޯން ފަހެއްގައި ކުޅޭނީ ވ. އަތޮޅުގެ ޗެމްޕިއަނުން ފުލިދުއާއި މ. އަތޮޅުގެ ޗެމްޕިއަނުން މުލި އަދި ދ. އަތޮޅުގެ ޗެމްޕިއަން މީދުއެވެ.

ފ. ނިލަންދޫގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނީ ނިލަންދުއާއި މ. މުއްޔެވެ. އެ މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފ. ނިލަންދުއެވެ.

މެޗުގެ ފުރަތަމަ ހަތަރު ގޯލް ޖެހީ ނިލަންދޫންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ނިލަންދުއަށް ލީޑު ނަގައިދިނީ އަހުމަދު ސަނޫނެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި އަހުމަދު އަލީގެ ގޯލުން ނިލަންދޫ މެޗުގެ ލީޑު ފުޅާކުރިއެވެ.

ހާފް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ހުސައިން ޝާރިފްގެ ގޯލާއެކު މިލަންދޫން މެޗުގެ ނަތީޖާ 3-0 އަކަށް ބަދަލުކޮށްލިއެވެ.

ދެވަނަ ހާފް ފެށިގެން 58 ވަނަ މިނެޓުގައި ހުސައިން އިބްތިޝާމް ޖެހި ގޯލުން މިލަންދޫ ނަތީޖާ އިތުރަށް ފުޅާކުރި ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި ހުސައިން އަޝްރަފު ޖެހި ގޯލުން މުލިން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.

މުލިން ކާމިޔާބުކުރި ދެވަނަ ގޯލް ޖެހީ މެޗުގެ 88 ވަނަ މިނެޓުގައެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރައިހާނެވެ.

ޒޯން ފަހެއްގެ މުބާރާތް ކުރިއަށްދާނީ ލީގު ބުރެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ނަގައި ދެ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ.

ޒޯން ފަހެއްގެ ބުރުގައި ދެން ކުޅޭނީ ދ. އަތޮޅުގެ ޗެމްޕިއަން މީދޫއާއި ވ. އަތޮޅު ޗެމްޕިއަން ފުލިދޫ ކުޅޭ މެޗެވެ.