އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބު އީގަލްސްއާ ދެކޮޅަށް ނިކުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގެ ފަހު ވަގުތުގައި ނިއުއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު އަކުރަމް އަބްދުލްޣަނީ (އަކޫ)އެވެ.

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ އެޓޭކިން ކުޅުމެކެވެ. ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާ މޮޅަށް ކުޅުނީ އީގަލްސްއިންނެވެ.

މެޗުގެ ކުރީކޮޅުގައި އީގަލްސްގެ ކުރިއަށް ކުޅެމުންދިޔަ އަހުމަދު ރިޒުވާން (ރިޒޭ)ގެ ބޯޅައަށް އޭރިއާ ތެރެއަށްވަދެ ބްރެޒިލް ފޯވަޑް، ލުއިޒް އެޑުއާޑޯ ފޮނުވާލި ހަމަލާ ނިއުގެ ގޯލް ބެލެހެއްޓި މުހައްމަދު ފައިސަލް ދިފާއުކުރި ނަމަވެސް ރީބައުސް ބޯޅަ ފޮނުވާލުމަށް ޒުވާން ފޯވަޑް މުހައްމަދު ނާއިމްއަށް ފުރުސަތު ލިބުނެވެ. ނާއިމް ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ރަނގަަޅަށް ބޯޅައިގައި ފައި ޖެއްސޭ ގޮތެއް ނުވިއެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

އީގަލްސްއިން މެޗުގެ ލީޑު ނެގީ މެޗުގެ 13 ވަނަ މިނެޓުގައެވެ. އީގަލްސްގެ މެދުތެރެއިން މުހައްމަދު އާރިފް (ބަކާ) ދިން ޕާހަށް ދުވެ، ރީތި ނިންމާލުމަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ލުއިޒްއެވެ.

އީގަލްސްގެ ގޯލަށްފަހު ނިއުއަށް ވަނީ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. މިދިޔަ ސީޒަންގައި އީގަލްސްއަށް ކުޅުމަށްފަހު މިސީޒަނުގައި ނިއުއަށް ބަދަލުވި މިޑްފީލްޑަރު، ރިހާމް އަބްދުލްޣަނީ (ބޮބީ)އަށް ލިބުނު އެ ފުރުސަތު އޭނާ ފޮނުވާލި ނަމަވެސް އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށް ބޭރުކޮށްލައިފައެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ނާއިމްއަށް އަނެއްކާވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރު އަތަށެވެ. އީގަލްސްއިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 27 ވަނަ މިނެޓުގައެވެ. ނާއިމް ތަނަވަސްކޮށްދިން ފުރުސަތު މިފަހަރުވެސް ނިންމާލީ ބްރެޒިލް ފޯވަޑް ލުއިޒްއެވެ.

އީގަލްސްގެ ދެވަނަ ގޯލް ތަނަވަސްކޮށްދިން ބޯޅައަށް ނާއިމް ދުވިއިރު އޭނާ އޮތީ އޮފްސައިޑް މަގާމެއްގައި ކަމަށްބުނެ ނިއުގެ ކުޅުންތެރިންނާއި ބެންޗުންވެސް ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ. އެގޮތުން ރެފްރީއާ ޝަކުވާ ކުރުމުގެ ސަބަބުން ނިއުގެ ބެންޗުގައި އިން ކީޕަރު މުހައްމަދު އިމްރާން (އިންމަ)އަށް ރެފްރީ ރީނދޫ ކާޑުވެސް ދައްކާފައިވެއެވެ. އަދި ފުރަތަމަ ހާފް ނިމެންދަނިކޮށް ރެފްރީ ވަނީ ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބެންޗުންވެސް ފޮނުވާލައިފައެވެ.

ދެވަނަ ހާފަށް ނިއު ނުކުތީ ވަރުގަދަ ކޮށެވެ. މެޗުގެ 49 ވަނަ މިނެޓުގައި ބޮބީގެ ގޯލާއެކު ނިއުއިން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައިވާއިރު، ނިއު ފެނުނީ ވަރަށް ބޮޑަށް އެޓޭކް ކުރިތަނެވެ.

މެޗުގެ 71 ވަނަ މިނެޓުގައިވެސް ބޮބީއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ބްލޮކްކޮށް ބޭރުކޮށްލީ މިސްރުގެ ޑިފެންޑަރ މަހުމޫދު ސައީދު (ރާމޯސް)އެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ނިއުއަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހަސަން އަދުހަމް (ސަޑޭ)އަށް އީގަލްސްގެ ކީޕަރު ސުޖަން ކުރި ފައުލާ ގުޅިގެން ރެފްރީ ވަނީ ނިއުއަށް ޕެނަލްޓީއެއް ދީފައެވެ. އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ޕެނަލްޓީ އަމާޒުވީ އީގަލްސް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

އޭގެ އިރުކޮޅެއް ފަހުންވެސް ސެންޓޭއަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށް އަނެއްކާވެސް ވީ ސުޖަންއެވެ. ނިއުއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލް، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަކޫ ކާމިޔާބުކުރީ ލިބުނު ކޯނަރެއްގެ ތެރެއިންނެވެ.

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފެށިގެން ނިއު އަދި ބަލިވެފައި ނުވާއިރު، މިއަދު ހޯދި ޕޮއިންޓާއެކު އެޓީމު އޮތީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.

އީގަލްސް އޮތީ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނައިގައެވެ. ހަތަރު މެޗުން އެޓީމަށް ލިބެނީ އަށް ޕޮއިންޓެވެ.

މާލޭ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ވިކްޓަރީއާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.